ޖޯ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ ވޯޓުގައި އޮޅުވާލުމާއި މަކަރުހަދައިގެން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއީ، ނޮވެމްބަރު 3 ގައި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑެންކަމަށް ޚުދު ރައީސް ޓްރަމްޕްވެސް ގަބޫލުކުރައްވާކަން އާންމުކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "އޭނާއަށް ކާމިޔާބު ކުރެއްވުނީ އިންތިޚާބުގައި މަކަރުހަދާފައިވުމުން" ކަމަށެވެ.

ރައީސް ޓްރަމްޕް އަދިވެސް ގެންދަވަނީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.

އާދީއްތަދުވަހު ފުލުފުލުހުން ކުރެއްވި ޓްވީޓްތަކެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ބައިޑެންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ "ފޭކް ނިއުސް މީޑިއާ" ގެ ލޯކުރިމަތީގައި އެކަނި ކަމަށެވެ.

މިއީ، އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށާއި، އޭނާ ބަލި ގަބޫލުކުރައްވަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރަން އެބައޮތް ކަމަށާއި، ކާމިޔާބު ލިބޭނީ އޭނާއަށް ކަމަށް ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގައި ވެއެވެ.

އެމެރިކާގެ މީޑިއާއިން ހާމަކޮށްފައިވާ ނަތީޖާއިން ޖޯ ބައިޑެންއަށް 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަށަވަރުވެފައި ވާއިރު، ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

އެމެރިކާގެ އެއްވެސް ސްޓޭޓަކުން އިންތިޚާބުގައި މަކަރުހަދައި އޮޅުވާލުމުގެ އެއްވެސްކަމެއް ނުހިނގާ ކަމަށް، އެ ސްޓޭޓްތަކާއި، ޑިމޮކްރަޓިކް ޕާޓީއާއި ޚުދު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންވެސް ވިދާވެފައި ވާއިރު، ޓްރަމްޕް ކޯޓުތަކަށް ހުށަހެޅުއްވި އެއްވެސް މައްސަލައެއް ހިނގާގޮތެއް ނުވިއެވެ. އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ކޯޓުތަކަށް މިހާތަނަށް ހުށަހެޅި ހުރިހާ މައްސަލައެއްވަނީ ބޭރުކޮށްލާފައެވެ.

ކޮވިޑްބަލީގެ ހާލަތު އެމެރިކާގައި ވަރަށް ގޯސްވަމުންދާއިރު، ރައީސްގެ ހައިސިއްޔަތުން ގައުމު ހިންގެވުމުގެ ޒިންމާތައް އަދާ ނުކުރައްވައި ޓްރަމްޕް ގިނަވަގުތު ހޭދަކުރައްވަނީ، ގޮލްފް ކުޅުއްވުމާއި، އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ހަގީގަތެއްނެތް ތުހުމަތުތައް ކުރެއްވުމުގައި ކަމަށް ބުނެ އެމެރިކާގެ މީޑިއާއިން ޓްރަމްޕަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކުރަމުންވެސް އެބަގެންދެއެވެ.