ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް ދިނުމަށް އެދި ސަރުކާރު މައިޕާޓީ އެމްޑިޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި އެވެ.
10 މެމްބަރަކު ސޮއިކުރައްވާ މި މައްސަލަ ޕީޖީ ގްރޫޕަށް ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމްއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، މެމްބަރުން ސޮއިކޮށް ހުށައެޅި ސަބަބުތައް ކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ހައްދަވާފައި ނުވާކަމަށާ އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމުގައިވެސް ބުނެފައިވެއެވެ،
އަދި އެ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި މުޙައްމަދު މަލީހް ޖަމާލް އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.
މިނިސްޓަރު މަލީހުވަނީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާ ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެވިފައިވާ ކަމަށް މީޑިއާ އަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައެވެ.