އެމްޑީޕީއަށް އެންމެ ރަނގަޅު ޗެއާޕާސަނަކު ހޮވުމުގެ ހައްގު ލިބިގެންވަނީ އެޕާޓީގެ މެމްބަރުންނަށެވެ. އެ މަގާމަށް ކިތަންމެ ބޭފުޅުންނެއް ކުރިމަތިލެއްވިޔަސް ހޮވަން ޖެހެނީ އެންމެ ބޭފުޅެކެވެ. އެ ބޭފުޅަކު އިޚުތިޔާރުކުރާނީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
އަންނަމަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ވެސް ވަރުގަދަ ދެ ބޭފުޅެކެވެ. ދެ ބޭފުޅުންނަކީ ވެސް ގާނޫނީ ވަކީލުންނެވެ. އެމްޑީޕީގެ ޚިދުމަތްތެރީންނެވެ. ގައުމީ ޚިދުމަތުގައި މިހާރުވެސް ތިއްބެވި ބޭފުޅުންނެވެ. އަލްއުސްތާޛު ފައްޔާޒު އިސްމާއީލަކީ މިހާރުގެ އިކޮނޮމިކް މިނިސްޓަރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ ކުރީގެ މެމްބަރެވެ. އަލްއުސްތާޛު އިމްތިޔާޒު ފަހުމީ (އިންތި) އަކީ މާފަންނު އުތުރުދާއިރާގެ މަޖިލީސް މެމްބަރެވެ.
ދެބޭފުޅުންނަށް ވެސް ވޯޓުދޭން ތިބީ އެމްޑީޕީގެ މެމްބަރުންނެވެ. އެހެންވީމާ ދެ ބޭފުޅުންނަށް ތާއިދު ކުރާނޭ މެމްބަރުން ވެސް ތިބޭނެއެވެ. ވީމާ އިންތިޚާބު ނިމެންދެން މިއޮތީ ޕާޓީގެ މެމްބަރުންގެ ޚިޔާލު ދެކަފި ވެފައެވެ. މީގެ ތެރެއިން ގާބިލް ބޭފުޅަކު ނިންމަވާނީ މެމްބަރުންނެވެ. ޕާޓީގެ މެމްބަރުންގެ މެދުގައި އެންމެ ގާބިލްކެންޑިޑޭޓަކީ އެމެމްބަރަކު ތާއިދުކުރާ ކެންޑިޑޭޓެކެވެ. މި ހަގީގަތް ގަބޫލު ކުރަމާހިނގާށެވެ. ފައްޔާޒު ނުކުންނެވީ އެމްޑީޕީ ހިންގަންވެގެންނެވެ. އިންތި ނިކުންނެވީ ތިލަފަތުގެރަމްޒު ހިފައިގެންނެވެ. އެހެންކަމުން މެމްބަރުންގެ ޚިޔާލު ތަފާތުވާނެތާއެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ވެސް 2023 ކާމިޔާބު ކޮށްދެއްވުމަށާއި ޕާޓީތެރޭގައި ހުރި ތަފާތުކުރުންތައް ނައްތާލައި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގެވުމަށެވެ.
އެމްޑީޕީއަށް ޗެއާޕާސަނަކު އިންތިޚާބު ކުރުމުގައި ޕާޓީތެރޭގައި ވަނީ ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތަކާއި ތުހުމަތު ތަކުން ހޫނުވެފައެވެ. އެހެންނަމަވެސް އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެކެވެ. އިންތިޚާބުތަކަށް ފަރިތަ ޕާޓީއެކެވެ. އިންތިޚާބުތަކާ ދިމާކޮށް އަންނަ މިފަދަ ލޮޅުންތަކުގެ އަސަރު އެއީ ވަގުތީ އެއްޗެއް ކަމަށް ޕާޓީގެ ގިނަ މެމްނަރުން ދެކެއެވެ. އަދި މިފަދަ ކަންކަމަކީ ޒާތީކަންކަން ކަމަށް ދެކިގެން ނުވާނޭ ކަމަށް ވެސް އެފަދަ މެމްބަރުން ބުނެއެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީއަށް މަރުދޭ މެމްބަރުން އުޅޭ ސިޓީއެކެވެ. އެހެނަސް އެ ސިޓީގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލު ވަނީ ތިން ކަތްޕަށް ކަފިވެފައެވެ. އެއީ ފައްޔާޒު އިސްމާއީލަށް ތާއިދު ކުރާ މީހުންގެ ޚިޔާލާއި އިމްތިޔާޒު ފަހުމީއަށް ތާއީދުކުރާ މީހުންގެ ޚިޔާލާއި މި ދެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު ޗެއާޕާސަން ކަމަށް ވަޑައިގެންނެވިޔަސް މައްސަލައެއްނެތް ކަމަށް ގަބޫލުކުރާ މެމްބަރުންގެ ޚިޔާލެވެ.
ތެދެކެވެ. މިދެބޭފުޅުން ވެސް މަސައްކަތް ކުރައްވަނީ އެއް އަމާޒަކަށެވެ. ހާސިލް ކުރައްވަން ބޭނުންވަނީ އެއް ލަނޑުދަނޑިތަކެކެވެ. ތަފާތަކީ އެ އަމާޒަށް ދަތުރުކުރައްވަން ޚިޔާރު ކުރައްވާ ގޮތާއި ބާވަތެވެ.
އިމްތިޔާޒު ފަހުމީގެ ގާބިލްކަމާމެދު ފައްޔާޒު އިސްމާއީލް ވެސް ޝައްކެއް ނުކުރައްވައެވެ. ފައްޔާޒުގެ ނަޒަރުގައި އިންތިއަކީ ހަކަތައާއި ފާޑުވެރިކަންހުރި ގާބިލް ބޭފުޅެކެވެ. ޕާޓީގެ މަސްއޫލިއްޔަތު އުފުއްލަވަން އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް ވެސް ފައްޔާޒު ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް ފައްޔާޒު ވިދާޅުވަނީ ހިންގުމުގެ ތަޖުރިބާއާއި އެހެނިހެން ކަންކަމަށް ބެއްޔަސް އެމްޑީޕީގެ ޗެއާޕާސަންއަކަށް އިންތިއަށްވުރެ އެކަށީގެންވަނީ އޭނާކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެޓުމާ ހިސާބުން ފެށިގެން އަދާހަމައަށް އެމްޑީޕީގެ ގިނަ މެމްބަރުން އިންތި ފާހަގަކުރަނީ ޕާޓީގެ ބަޠަލެއްގެ ގޮތުގައެވެ. އެމްޑީޕީން ބުނާ ގޮތަށް "ބަޣާވާތް ކޮށްގެން" ވެރިކަން ވައްޓާލުމަށްފަހު އަލުން ވެރިކަމަށް އެމްޑީޕީ ގެނައުމަށް އިންތިވަނީ ޕޯޑިއަމްތަކާއި، މަގުތަކާއި، ޖަލުތަކާއި ގޭގެއާއި ރަށްރަށުގައި ތަފާތު އެތައް މަސައްކަތެއް ކުރައްވައިފައެވެ. އަދިވެސް އޭނާ ހުންނެވީ އެމަސައްކަތުގައި ކަމަށް އެ މީހުން ބުނެއެވެ. އެމްޑީޕީގެ ޗެއާޕާސަންއަކަށް އިންތި ގެންނަން ޖެހެނީ ކޮންމެ ހާލަތެއްގައި ވެސް ޕާޓީގެ ދިފާއުގައި ބުރަކަށި ޖައްސަވައިގެން އިންތި ހުންނަވާތީއެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ އޭނާ އިންތިޚާބަށް ނުކުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ތާއީދާއެކުގައި ކަމަށެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށް ރައީސް ނަޝީދުގެ ތާއީދު މުހިންމުތޯ ދެންނެވުމުން އެއަށް އަދިވެސް ފައްޔާޒު ޖަވާބެއް ނުދެއްވައެވެ. މިއީ ފެކްޝަންގެ މައްސަލައަކަށްވުން ގާތެވެ.
ދެ ފެކްޝަން
ފުރަތަމަ ސުވާލަކީ އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އެބައޮތްތޯއެވެ؟ މަޖިލީސް ބައެއް މެމްބަރުން ވެސް ރައީސް ސާލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް އެބައޮތް ކަމަށް ވިދާޅުވެއެވެ. ފައްޔާޒު އިސްމާއީލަކީ ރައީސް ސާލިހު ފެކްޝަންގެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެއެވެ. އިންތިއަކީ ރައީސް ނަޝީދުގެ ފެކްޝަން ކަމަށް ވެސް ވިދާޅުވެއެވެ.
ދެ ފެކްޝަން އޮތްކަމަށް ނިންމަމާ ހިނގާށެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ މިއިން ކޮންމެ ބޭފުޅަކީ ސިޔާސީ އެއްޕުލެޓުފޯމެއްގައި ތިއްބެވިޔަސް ޚިޔާލާއި ފިކުރު ތަފާތު ބޭފުޅުންނެވެ. ގިނަ ޚިޔާލާތާއި ވިސްނުމުގެ ތެރެއިން ނިންމާ ކަންކަން ގިނަފަހަރަށް އާރުލާކަމަށް ވެއެވެ. އެހެންވީމާ ކިތަންމެ ބޮޑު ޚިޔާލުތަފާތުވުން ތަކެއްގެ ތެރެއިން ވެސް އާޚިރުގައި ކަންކަން ނިންމަވާފައިވަނީ ރައީސް ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުން އެއްގަލަކަށް އަރުއްވައިގެންނެވެ. މިއީ މީހުންގެ ލޯތަކަށް ފެންނަން އޮތް ގޮތެވެ. ކޮންމެ ގޮތެއް ވިޔަސް މޮޅުވާނީ ކޮން ބޭފުޅެއްކަން އެނގޭނީ ވޯޓުލައި ނިމިގެން ނަތީޖާ އިއުލާން ކުރުމުންނެވެ.