މަގާމުގެ މަސްއޫލިއްޔަތުން ކައުންސިލުން އެކަހެރި ކުރަނީ އެކަމަށް ހެދިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް "ރާއްޖެޓީވީ" ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އަލަށް ކައުންސިލްތައް އުފެދިގެންއައިއިރު ކައުންސިލްތައް މަސައްކަތް ކުރަންވީ ގޮތާ, ސުލޫކީ ކަންތައްތައް ބައްޓަން ކުރަންވީ ގޮތަކީ ކުރިން ރޭވި އިންތިޒާމު ކުރެވިފައި ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.އަދި ކައުންސިލަރަކު މަގާމުން އެކަހެރިކުރަން ވާނީ އޮންނަ އުސޫލުތަކުގެ ތެރެއިން ރަނގަޅު ތަހުގީގެއް ހިންގުމަށްފަހު ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ އެންމެ ރަނގަޅު ތަހުގީގު ހިންގައިގެންކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެލްޖީއޭއިން ވަނީ ކައުންސިލަރުންނާ މެދު ފިޔަވަޅުއެޅުމާއި ސަސްޕެންޑް ކުރުމާއި އިންޒާރު ދިނުމަށް 2016 ވަނަ އަހަރު އުސޫލެއް އެކުލަވާލާ އެ އުސޫލްގެ ދަށުން ޔާމީންގެ ވެރިކަމުގައި ގިނަ ކައުންސިލްތަކަކާއި ކައުންސިލަރުންނަށް އެކިއެކި ފިޔަވަޅުތަކާއި ސަސްޕެންޑް ކޮށްފައިވެއެވެ.