އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު އެވެ. ބަޖެޓް ބަހުސް މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިޔަށް ގެންދާނެކަމަށް ބެލެވެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓުގެ ބަހުސް ކުރިޔަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.
އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެމްބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތު ދިނުމަށެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ބަޖެޓް ދިރާސާކުރަމުން އަންނަ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް ނިންމާ ރިޕޯޓް އެކުލަވާލުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖިލީހަށް ހުށަހަޅާފައިއެވެ.
އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ.