ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި "ޓެރަރިސްޓެއް" ކަމަށްވާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު 10:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެކެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.