ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފިކަމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މަހުލޫފުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދައުވާ ކުރެވޭނެ ސާބިތު ހެކިތަކެއް ނެތްކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާ ދައުލަތުން މަހުލޫފާ ދެކޮޅަށް އުފުލާފައިވަނީ، މަހުލޫފް ރައްޔިތުންގެ މަޖިލިސް މެމްބަރު ކަމުގައި ހުންނެވި ދުވަސްވަރު ޕީޕީއެމްގެ ސަރުކާރުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި މައްސަލައިގައެވެ.

އެމައްސަލަ މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހުލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތުކުރެވެން އޮތަސް އެފައިސާ އަކީ އެސްއީޒެޑް ބިލަށް ވޯޓުދިނުމުގެ ގޮތުން ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމުގައެވެ.

އެހެންކަމުން ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތުކުރެވޭނެ ކަމަށް ނުފެންނާތީ އެދައުވާ ކުރިއަށް ނުގެންދަން ނިންމައި ދައުވާ ބާތިލްކުރި ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

އެމައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަކުރެއްވީ އެއީ ރިޝްވަތުގެ ފައިސާކަން ސާބިތުކުރަން ދައުލަތުން ހުށައެޅި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާ އަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރާ މީހަކަށްވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފުގެ ފަރާތުން ބުނެފައިވެއެވެ.