އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސް ނިމުމާއި އެކު ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވަނީ މިނިސްޓަރގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ނިންމުން އިއުލާނު ކުރައްވާފައެވެ.
ކޮމިޓީން ވަނީ ހޯމް މިނިސްޓަރަށް ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ފުރުސަތެއް ދެއްވުމަށް ނިންމާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަދި މި މައްސަލަ އެޖެންޑާ ނުކުރެއްވި ނަމަވެސް ބަޖެޓުގެ ބަހުސް ނިމުމާއި އެކު އެޖެންޑާ ކުރެވިގެން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ކޯލިޝަނުން ހުށައަޅާފައިވާ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިހް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ފެށުމުގެ ކުރިން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފޮނުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. ޝެއިހް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ.
މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް މިނިސްޓަރ ވާހަކަ ދެއްކެވުމާއި، އަދި މޭޑޭ މުޒާހަރާގައި ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމެވެ.
އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.