ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިކަން އިޢުލާން ކުރެއްވީ ގައުމާ މުޚާތަބު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ މި ނިންމުން ނިންމެވީ ސިއްހީ މާހިރުންގެ ލަފާގެ މަތީން ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ކޮވިޑުގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން ދާނެ ކަމަށެވެ.

ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއް ވެސް މިހާރު ރާއްޖޭގައި ގާއިމުކޮށްފައިވާ ކަމަށާއި އެ ބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭންވެސް މިހާރު އަމާޒު ހިފާފައިވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް ކަމަށެވެ.