ކ. ތިލަފުށީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެތަނުގައި މަސައްކަތް ކުރަން އުޅުނު ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރުމުގައި އުޅުނު ތިން ބިދޭސީންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމުގެ ރިޕޯޓް މިއަދު 11:05 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި އެކަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަ ގޮތުން އޭނާގެ ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެފައެވެ. އަދި ފައިތިލައިގެ ހަންގަނޑު ކަފައިގެން ގޮސް، ކަށިގަނޑު ވެސް ފެނެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.