ގޮދަނާއި ރޯ ހަކުރު އެކްސްޕޯޓްކުރުން ރަޝިޔާއިން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިކަމާބެހޭ ގަރާރުގައި ސޮއި ކުރައްވާފައިވަނީ ރަޝިޔާގެ ބޮޑުވަޒީރެވެ.

މި ގަރާރުގެ ދަށުން، މިއަހަރުގެ އޮގަސްޓްމަހުގެ 31 ނިޔަލަށް އަވަށްޓެރި ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ގައުމުތަކަށް ހުދު އަދި ރޯ ހަކުރު އެކްސްޕޯޓް ކުރުންވަނީ މަނާކޮށްފައެވެ.

އަދި ގޮދަނާއި، ދޮނަޅައާއި، ފަލަ ހަނޑުލާއި ޒުވާރިވެސް އެ ގައުމުތަކަށް އެކްސްޕޯޓްކުރުން ޖޫންމަހުގެ 30 ގެ ނިޔަލަށް ވަނީ މަނާކޮށްފައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާއާއި، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި، އެނޫންވެސް ގައުމުތަކުން ގެންދަނީ ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ވަރަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އިގްތިސާދަށް ދަތިކުރުމާއި، މާލީ ދަތިކުރުންތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް މިހާރުވެސް އޭގެ އަސަރުތައްކޮށް ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ޔޫކްރެއިނަށް އަރައިގަތުމުގެ އަދަބަކަށް ދުނިޔޭގެ މާލީ ނިޒާމުން ރަޝިޔާ ބޭރުކޮށް، އިގްތިސާދު އިނދަ ޖައްސާލުމަށް ހުޅަނގުގެ ގައުމުތަކުން ފިޔަވަޅު އެޅުމުގެ އިތުރުން، ދުނިޔޭގެ ބޮޑެތި އެތައް ކުންފުނިތަކުން ރަޝިޔާއާއެކު ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓާލައި، ރަޝިޔާގައި ހުރި އެ ކުންފުނިތަކުގެ ކާރުޚާނާތައްވެސް ގެންދަނީ ބަންދުކުރަމުންނެވެ.

ނުވިތާކަށް، ދުނިޔޭގެ ކުޅިވަރު މައިދާނުންވެސް ރަޝިޔާ އެކަހެރިކޮށް މިހާރުވަނީ ބާކީ ކޮށްލާފައެވެ.

މިކަމުން އަރައިގަތުމަށް ރަޝިޔާ މިހާރަށްވެސް އެތައް އަހަރެއް ހޭދަވާނެ ކަމަށް ބެލެވިފައި ވާއިރު، ރަޝިޔާ ސަރުކާރުން ގެންދަނީ އިގްތިސާދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

އަދި ޔޫކްރެއިން މައްސަލާގައި ރަޝިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކަށް އަދަބު ދޭނޭ ކަމަށްވެސް ގެންދަނީ އިންޒާރު ކުރަމުންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް ރަޝިޔާއިން މިހާތަނަށްވަނީ ރަޝިޔާގެ 200 ވަރަކަށް އުފެއްދުން އެކްސްޕޯޓްކުރުން މަނާކޮށްފައެވެ.

ގިނަ އުފެއްދުންތައް އެކްސްޕޯޓްކުރުން މަނާކޮށްފައިވަނީ، ޔޫކްރެއިން ހަނގުރާމައިގެ މައްސަލާގައި ރަޝިޔާއާ ދެކޮޅުވެފައިވާ ގައުމުތަކަށެވެ.

އެގޮތުން، އެފަދަ ގައުމުތަކަށް އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި، ޓެކްނޯލޮޖީ، ކޮމިއުނިކޭޝަން، މެޑިކަލް ސާމާނު، ދަނޑުވެރިކަމުގެ މެޝިނަރީޒް ހިމެނެއެވެ.

ދަގަނޑާއި ލަކުޑީގެ އުފެއްދުންތައް 48 ގައުމަކަށް އެކްސްޕޯޓްކުރުން ވަނީ މަނާކޮށްފައެވެ.