ސަރުކާރުން 29.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. އެ މަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީން ވިދާޅުވީ އެ މަސައްކަތުގެ 72 ޕަސެންޓް މިހާތަނަށް ނިމިފައިވާ ކަމަށެވެ. އެ ކުންފުނީން މަސައްކަތް ކުރައްވަނީ ވީހާ ވެސް އަވަހަކަށް އެމަސައްކަތް ނިންމުމަށެވެ.

ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ވެސް މިހާރުވަނީ މަސައްކަތް ކުރަމުންދާ ސަރަހައްދަށް ގެންގޮސްފައެވެ. އެ ޝިޕްމެންޓް ގެންގޮސްފައިވަނީ މިހިނގާ މާރިޗުމަހުގެ 13 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ހެދުމަށްޓަކައި 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރާނެއެވެ. 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ވެސް ހިމެނެއެވެ. އޭގެ އިތުރުން 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.