ޔޫކްރެއިނަށް އަސްކަރީ ހަމަލާތައް ދެމުންގެންދާ ރަޝިޔާ ސިފައިންގެ ފައުޖުތައް އަލުން ރުކުރުވާލަން ރަޝިޔާއިން ތައްޔާރުވަމުންދާ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ސިފައިންގެ ސަފުތައް އަލުން ރުކުރުވާލައި، ޔޫކްރެއިންގައި ގެންގުޅެމުން އައި ސިޔާސަތުތައް ބަދަލުކޮށްލަން ރަޝިޔާއިން ތައްޔާރު ވަމުންދަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި އެ ގައުމުގެ އެތަން މިތަނަށް ވައިގެ މަގުންނާއި، އެއްގަމު މަގުން އަސްކަރީ ހަމަލާތައް ދެމުންގެންދާތާ 21 ވަނަ ދުވަހަށް އަޅައިގަތް ނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން ކަމަށް ވެއެވެ.

ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައިގަތީ ވަރަށް އަވަސް މަގަކުން ޔޫކްރެއިންގެ ރައްޔިތުން ވިއްސިވިހާލިކޮށް އެގައުމު ވަރަށް އަވަހަށް ހިފުމަށް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ނަމަވެސް، ރަޝިޔާ އަސްކަރިއްޔާގެ މި ސިޔާސަތު ކާމިޔާބުވާގޮތް ނުވެ، އެތައް ގޮތަކުން ޔޫކްރެއިންގައި ރަޝިޔާ ސިފައިން ފެންނަނީ ނާކާމިޔާބުވަމުން ދާތަނެވެ.

މިގޮތަށް މިކަން ދިމާވީ، ޔޫކްރެއިން ސިފައިންނާއި އާންމުންގެ ރޫހު ވަރުގަދަވެފައި، ފުރިހަމަ އާރާއި ބާރާއެކު ޔޫކްރެއިން ސިފައިން ރަޝިޔާ ސިފައިންނާ ދެކޮޅަށް ދެމުންގެންދާ ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން ކަމަށް، ދެ ފަރާތުގެ މަސްރަހް ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޔޫކްރެއިން ސިފައިންގެ ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ އެތައްހާސް ބަޔަކު މަރުވެފައިވާ ކަމަށް ޔޫކްރެއިނުން ބުނާއިރު، ރަޝިޔާއިން މި ވާހަކަތައް ދޮގެއް ނުކުރެއެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، މިހާތަނަށް ރަޝިޔާ ސިފައިންގެ 13،000 އަށްވުރެ ގިނަ މީހުން މަރާލެވި، އެތައްސަތޭކަ އަސްކަރީ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރު ވައްޓާލެވި އެތައްހާސް އަސްކަރީ ވެހިކަލެއްވެސް ހަލާކުކޮށްލެވިފައިވާ ކަމަށެވެ.

ޔޫކްރެއިންގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ.

ޔޫކްރެއިންގެ ވެރިރަށް ކިޔޭވަށް ރަޝިޔާގެ މަތިންދާ ބޯޓްތަކުން ދޭތެރެ ދޭތެރެއިން މިސައިލާއި ރޮކެޓް ހަމަލާތައް ދެމުން ގެންދާއިރު، ޔޫކްރެއިންގެ އެހެން ބައެއް ރަށްތަކަށްވެސް ރަޝިޔާއިންވަނީ ވަރުގަދައަށް ބޮން އަޅާފައެވެ. ބައެއް ރަށްތަކުގެ އެއަރޕޯޓްތަކަށްވެސް ބޮން އަޅާފައެވެ.

ޔޫކްރެއިންގައި ރަޝިޔާ ސިފައިން ބޭނުންވި މިންވަރަށް ކުރިއަރަމުން ނުދެވޭތީ، މިދިޔަ ހަފްތާއިން ފެށިގެން ހަމަލާތައް ދިނުމުގެ ބައެއް އުކުޅުތައް ރަޝިޔާ ސިފައިން ބަދަލުކޮށްފައިވާ ކަމަށް ވެއެވެ. ރަޝިޔާ ސިފައިންގެ އަމާޒު މިހާރު ހުރީ ހަމަލާތައް އިތުރަށް ފުޅާކުރަންކަން އެމީހުންގެ އަމަލުތަކުން އެނގޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާ ސިފައިން މިހާރު ގެންދަނީ ޔޫކްރެއިންގެ އެތެރޭގައި އެމީހުން ތިބި ހިސާބުތަކަށް އެންމެ ޒަމާނީ ހަތިޔާރައި، ޕޯޓަބަލް އެންޓި ޓޭންކް އަދި އެއަރ ޑިފެންސް ސިސްޓަމްތައް ޖަމާކުރަމުންނެވެ.