ކަޅުވަކަރު މިސްކިތާއި، ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދު މާދަމާ ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި މި މިސްކިތް ހުޅުއްވައި ދެއްވާނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މިސްކިތާއި އެ ސަރަހައްދު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ފިޔަވަޅު އަޅައިގެން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެގޮތުން އިވެންޓްގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށް ހަމަޖެހިފައިވެއެވެ. އެކަން ކުރުމަށްޓަކައި ހުރިހާ މީޑިއާތަކަކަށް އިވެންޓް ކަވަރު ކުރުމުގެ ފުރުޞަތު ދިނުމުގެ ބަދަލުގައި މީޑިއާތަކަށް ވަގުތުން އިވެންޓްގެ ވީޑިއޯ އާއި ފޮޓޯ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް ވެސް ކަލްޗަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެގޮތުން ޕީއެސްއެމް މެދުވެރިކޮށް ހުރިހާ ޓީވީ ޗެނަލްތަކަށް އިވެންޓްގެ ލައިވް، ކްލީން ފީޑް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިވެންޓްގެ ފޮޓޯ ވަގުތުން ލިބޭނެ އިންތިޒާމާއި، އިވެންޓްގެ އިތުރު ފޮޓޯ އިވެންޓް ނިމުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކަޅުވަކަރު މިސްކިތް ހުޅުވުމާ ގުޅިގެން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު އާންމުންނަށް ހުޅުވާލާނެ ގަޑިތަކާއި، އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު މާދަމާސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނޫސްބަޔާނެއް މެދުވެރިކޮށް އާންމު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.