ހަނގުރާމަ ހުއްޓާލަން އޮތް ހަމައެކަނި މަގަކީ މަޝްވަރާ ކުރުން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޚަބަރުވިއުގަ، ސީއެންއެންގެ ފަރީދު ޒަކަރިޔާ ޖީޕީއެސް ޝޯވގައި ޓްރާންސްލޭޓަރެއް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވަނީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ޕުޓިންއާ ސީދާ ބައްދަލު ކުރައްވަން ބޭނުންފުޚުވާކަން އަނެއްކާވެސް ހާމަ ކުރައްވާފައެވެ.

މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ ސިފަައިން ޔޫކްރެއިނަށް އަރައި އަސްކަރީ ހަމަލާތައް ދޭން ފެށުމުން ދިފާއުގައި ޔޫކްރެއިން ސިފައިން ހަމަލާތައް ދޭން ފެށުމުން ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށި ހިނގަމުންދާތާ މިހާރު މިވަނީ ހަތަރުވަނަ ހަފްތާއަށް އަޅައިފައެވެ.

ޔޫކްރެއިންގެ ރައީސް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ، މަގަކީ އަދި އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ރަޝިޔާގެ ރައީސް ޕޫޓިންއަށާއި، އޭނާއަށް ކަމަށެވެ.

"އޭނާއާ (ޕުތިންއާ) ވާހަކަ ދައްކަން އަޅުގަނޑު ތައްޔާރު. އަޅުގަނޑަށް ހީވަނީ ވާހަކަ ދައްކައިގެމް މެނުވީ މި ހަނގުރާމަ ހުއްޓޭކަށްނެތްހެން" ޒެލެންސްކީ

ޔޫކްރެއިންގެ ރައީސްގެ ވާހަކައިގައި އޭނާ ހުންނެވީ ޔޫކްރެއިންގެ ބިމުން އެންމެ ފަޅިވަރެއްވެސް ރަޝިޔާއަށް ދޫކުރުމަށް ތައްޔާރަށް ނޫންކަމަށް ވިދާޅުވިއެވެ.

ދެގައުމުގެ ރައީސުން ބައްދަލު ނުކުރެއްވި ނަމަވެސް، ދެގައުމުގެ މަންދޫބުންގެ މެދުގައި މިހާރުވެސް މެދުނުކެނޑި މަޝްވަރާތައް ބާއްވަމުން އެބަ ގެންދެއެވެ.

މި ވާހަކަތަކުން ވަރަށް އަވަހަށް އުންމީދީ އެއްބަސްވުމަށް އާދެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ތުރުކީން ބުނެއެވެ.

ތުރުކީން ގަދައަޅައި މަސައްކަތް ކުރަމުން ގެންދަނީ ރަޝިޔާގެ ރައީސާއި ޔޫކްރެއިންގެެ ރައީސްގެ ބައްދަލުވުމެއް ބޭއްވޭތޯއެވެ. ތުރުކީއަކީ ނޭޓޯގެ މެމްބަރަށް ވާއިރު، ތުރުކީއާއި ރަޝިޔާއަކީވެސް ގާތް އެކުވެރި ދެގައުމެވެ.

އެހެންކަމުން، ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ތުރުކީން އެތައް މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ.