އުންމީދަކީ ވަރަށް އަވަހަށް ގާނޫނީ އަދަދަށް މެމްބަރުން ހަމަކުރުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެ ޕާޓީގެ ރަޖިސްޓްރާ ފާތިމަތު ޝަހީދާ ވިދާޅުވީ އެޕާޓީން އިއްޔެ ހުށަހެޅި ފޯމްތަކާއެކު އީސީއިން ޕްރޮސެސް ނުކުރެވި 500 އަށްވުރެ ގިނަ ފޯމު ވާނޭ ކަމަށެވެ. އަދިވެސް އިތުރު ފޯމްތަކެއް އީސީއަށް ހުށަހެޅުމުގެ މަސައްކަތްދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަށް އެމްއާރުއެމްގެ މެމްބަރުން ދެއްވާ އެއްބާރުލުމަށް އޭނާ ވަނީ ޝުރު ދަންނަވާފައެވެ. އީސީން ވަނީ ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ނިންމައިފައެވެ. އެހެނަސް އަދި އެފަދަ ނޯޓިސް އެއް އެމްއާރުއެމަށް ލިބިފައި ނުވާކަމަށް ޝަހީދާ ވިދާޅުވިއެވެ. ގާނޫނު ބުނާގޮތުން މަދުވެގެން 3000 މެމްބަރުން ޕާޓީއެއްގައި ތިބެންޖެހެއެވެ.

"އިރާދަ ކުރެއްވިއްޔާ ތިންމަސް ހަމަވުމުގެ ކުރިން ގާނޫނުގައި ބުނެފައިވާ އަދަދަށް ޕާޓީއަށް މެމްބަރުން ހަމަކުރެވޭނެ. މަސައްކަތް މިކުރަނީ ވަރަށް އަވަހަށް އަދަދު ހަމަކުރަން،" ޝަހީދާ ވިދާޅުވިއެވެ. އެމްއާރުއެމްގައި މިހާރުތިބީ 2022 މެމްބަރުންނެވެ. އެޕާޓީއަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން ހިންގަވާ ޕާޓީއެކެވެ.