ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގައި ހައި ކޯޓުގެ ފަރާތުން ކުރި ހުކުމްގައިވާ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން ބާތިލްކޮށް އެމައްސަލަ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި މަހުލޫފާއި ދެކޮޅަށް ދައުލަތުން މުހިންމު ހެކިތަކެއް ހުށަހަޅާފައިވީ ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުގައި އެކަމަށް ރިއާޔަތް ނުކުރާކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ނިންމި އެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން މަހުލޫފްގެ މައްސަލަ ބޭރުކޮށްލާފައި ވަނީ، އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަމަށް ބުނެ އެވެ. ރިޝްވަތުގެ ފައިސާ މަހުލޫފް ނެންގެވިކަމަށް، އަދީބު ދައުލަތަށް ދީފައިވާ ބަޔާނުގައި ވެސް ބުނާއިރު އެ ވާހަކަތަކަށް ބާރު ލިބޭނެ އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާކަމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައި ވެއެވެ.