ރަޝިޔާއިން ސޫދާންގައި ގާއިމްކުރާ އަސްކަރީ މަރުކަޒުގެ މަސައްކަތް އަވަށް ކުރުމަށް ރަޝިޔާގެ ދިފާއީ ވުޒާރާއަށް ރައީސް ޕޫޓިން އިއްޔެ އަމުރު ކުރައްވައިފިއެވެ. އެފްރިކާގެ މުލީގައި ހެދުމަށް ރަޝިޔާއިން ނިންމާފައިވާ ކަނޑުގެ ސިފައިންގެ އަސްކަރީ ބޭސްއަކީ އެސަރަހައްދުގައި ހަދާ އެންމެ ބޮޑު އަސްކަރީ ބޭސްއެވެ.
ސޫދާންގެ އިސްލާމީ ސިޔާސީ ނަމުގައި ވެރިކަން ކުރި ޑިކްޓޭޓަރ އަލްބަޝީރުގެ ވެރިކަން ސިފައިން ވައްޓާލުމަށްފަހު، އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ސޫދާނަށް ބޭނުންވާ މާލީ އެހީތެރިކަން އެމެރިކާއިން ވަނީ ލިބިފައެވެ. އަދި އެއާއެކު ބައިނަލްއަގްވާމީ ޓެރަރިޒަމަށް ތާއީދު ކުރާގައުމުތަކުގެ ލިސްޓުން ސޫދާން ވަނީ އުނިކޮށްފައެވެ.
ސޫދާންގައި ރަޝިޔާގެ އަސްކަރީ މަރުކަޒެއް ގާއުމްކުރުމުގެ އެއްބަސްވުމުގައި ރަޝިޔާގެ ބޮޑު ވަޒީރު މީކާއީލް މުޝޫސިން ސޮއިކުރެއްވީ 11 ނޮވެމްބަރުގައެވެ.
ރަޝިޔާ ސަރުކާރުން މިމުނާސަބާގައި ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރަޝިޔާ ސިފައިން ސޫދާންގައި ބަނޑަހަޖަހައިގެން ތިބުމުން، ސަރަހައްދުގެ ސުލްހައާ ހަމަޖެހުމަށް މުހިންމު ޚިދުމްތެއް ދެވޭނެ ކަމަށެވެ. އަދި މި މަރުކަޒަކީ އެއްވެސް ގައުމަކާ ދެކޮޅަށް ގާއިމް ކުރާ ތަނެއް ނޫންކަމަށާއި މިއީ ސުލްޙަވެރި ނިޔަތުގައި ކުރާ މަސައްކަތެއްކަމަށް ރަޝިޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރަޝިޔާއިން ސޫދާނުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ހަދާއިރު އެފްރިކާގެ މުލީގައިއާއި ބާބުލްމަންދަބް ކައިރީގައި ގިނަ ގައުމުތަކުން ވަނީ ސިފައިން ބައިތިއްބާފައެވެ.
އެފްރިކާގެ މުއްޔާއި އެސަރަހައްދުގައި މިވަގުތު ސިފައިން ތިބި ގޮތް:
- އެރިޓްރިއާގައި ޔޫއޭއީއާއި އިޒްރޭލުގެ ސިފައިން
- ޖިބޫޓީގައި ޗައިނާ، ފްރާންސް، އެމެރިކާ، ޖަޕާން، ޖަރުމަން، އިޓަލީ، ސައޫދީ އަރަބިއްޔާގެ ސިފައިން.
- ސޯމާލީލޭންޑްގައި ޔޫއޭއީގެ ސިފައިން.
- ސޯމާލިއާގައި ޔޫއޭއީއާ އެމެރިކާއާއި ތުރުކީ ސިފައިން.
- ސައުތު ސޫދާންގައި އެމެރިކާ ސިފައިން.
- ކެންޔާގައި އެމެރިކާއާއި އިނގިރޭސި ސިފައިން.
- ސީޝޭލްސްގައި އެމެރިކާއާއި އިންޑިއާ ސިފައިން
- މަޑަގަސްކަރުގައި އިންޑިއާ ސިފައިން.
މީގެ އިތުރުން ބާބުލް މަންދަބްގައި އޮންނަ ޔަމަންގެ ސުއްކަތުރާ ޖަޒީރާވެސް މިހާރު ޔޫއޭއީ އިން ވަނީ ހިފާފައެވެ. މިޖަޒީރާގައި، ޔޫއޭއީއާއި އެމެރިކާއާއި އިޒްރޭލުން މަސައްކަތް ކުރަނީ، ރޭޑިއޯ ސިގްނަލާއި ސެޓެލައިޓް ސިގްނަލްއަށް ޖާސޫސް ކުރާނެ މަރުކަޒެއް ގާއިމް ކުރާށެވެ.
ރަޝިޔާއިން ސޫދާނުގައި ހަދާ ކަނޑުގެ ސިފައިންގެ މަރުކަޒަކީ، މަނަވަރުތައް މަރާމާތު ކުރުމަށާއި ފަޅުވެރިން އަރާމު ކުރުމަށާއި މަނަވަރުތަކުގެ ސަޕްލައި ހަމަޖެއްސުމަށް ބޭނުން ކުރާނެ މަރުކަޒެކެވެ.
ރަޝިޔާގެ ބޭސްގައި، އެއްފަހަރާ އެންމެ ގިނަވެގެން ހަތަރު މަނަވަރަށް އޮވެވޭނެއެވެ. އަދި "ހިސާބުގަނޑުގެ ނިއުކްލިއަރ އަދި ތިމާވެށީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް" ނިއުކްލިއަރ ހަކަތައިން ދުއްވާ މަނަވަރުތައް މިތާގައި މަޑުކުރުމަށްވެސް ހުރަހެއް ނެތްކަމަށް ސޫދާނާއެކު ވެފައިވާ އެއްބަސްވުމުގައި ވެއެވެ.