ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާރިޗް 26، 2022 ގައެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ނައިބު ރައީސް އެ ސިޓީއަށް ފުރާވަދައިގެންވި އިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް އައްޑޫ ސިޓީއާއި ފުވައްމުލައްސިޓީ އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ހާމަކުރައްވާފައިވެއެވެ.

ރައީސް ސާލިހުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ގަމާއި، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫ އަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައި ދެއްވުމާއި ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި މަރަދޫ އާއި މީދޫ ގެ ބަނދަރު ހުޅުވައިދެއްވުމާއި ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވާ، އައްޑޫސިޓީ ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާރޗް 28 ވަނަ ދުވަހުއެވެ.