ގަޟާކުރުމަށް ނިޔަތް ގަނެގެެން ވެސް ނަމާދު އެޅުމަކީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.

ނަމާދާ ބެހޭ ގޮތުން މިއަދު ދެއްވި ޚުތުބާގައި ޚަތީބު ވިދާޅުވީ ކިތަންމެ ބޮޑު ބައްޔެއް ވިޔަސް ނަމާދު ނުކޮށް ދޫކޮށްލުން ނުވަތަ ނަމާދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަމަށެވެ. އެހެނަސް މިހާރު ފެންނަނީ ބަލިވުމަކީ އުޒުރެއް ކަމަށް އަމިއްލައަށް ގަބޫލުކޮށް ބަލީން ފަސޭހަވުމުން ނަމާދު ގަޟާކޮށްލަން ދޫކޮށްލާ މަންޒު ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ ބޮޑުބުރައަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ބަލިވުމުން ނަމާދު ގަޟާކުރަން ނިންމައިގެން ތިބޭ މީހުން ގަބޫލު ކުރާގޮތުގައި އެބަލީގައި މަރުވެއްޖެނަމަ އެއީ އުޒުރެކެވެ. އެހެންނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެއް ކަމަށާއި ދީނުގައި އޮންނަނީ ކިތަންމެ ބޮޑު ބައްޔެއް ވިޔަސް ނަމާދު ކުރުމަށް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން އެންމެން ވެސް އަބަދުވެސް ނަމާދަށް ފަރުވާތެރިވުމަށް ޚުތުބާގައި ވަސިއްޔަތް ކުރިއެވެ.

ނަމާދަކީ އަޅާގެ ހިތުގައިވާ އީމާންކަމުގެ ސާފުކަމާއި މާތްﷲ ދެކެ ލޯބިވާ މިންވަރު މިނެކިރުމަށް އޮންނަ ތަރާދެއް ކަމަށް ވެސް ޚުތުބާއި ބުނެފައިވެއެވެ. ނަމާދަކީ ވަރަށްބޮޑު އަމާނާތެއް ކަމަށާއި ނަމާދުގެ ސަަބުން އެ އަޅާގެ ތެދުވެރިކަމާއި، ވަފާތެރިކަމާއި، އިޚްލާސްތެރިކަން ފާޅުވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި ވަނީ ނަމާދު ކުރުމުން ލިބޭ ސަވާބާއި ނުކުރުމުން ލިބޭ އަޒާބާ ބެހޭ ގޮތުން މީސްތަކުންނަށް ހަނދާން ކޮށްދެއްވައިފައެވެ.