އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ނުވަތަ ޚާރިޖީ ވަޒީރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު މިއަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ. ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ރާއްޖެ މި ވަޑައިގަންނަވަނީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށެވެ. މިދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށްފަހު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީވެސް އައްޑޫ ސިޓީއަށެވެ.

އައްޑޫ ޕޮލިސް އެކަޑަމީ ހުޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާއާ ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި އެނޫންވެސް މުހިންމު ކަންކަމާމެދު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު މަޝްވަރާކުރައްވާނެކަމަށް ޚަބަރު ލިބެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މުހިއްމު ބައެއް އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިއީ ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު މަޤާމުގެ ޙައިސިއްޔަތުން ރާއްޖެއަށް ކުރައްވާ 3ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންފަހުން އިންޑިއާއާ ރާއްޖޭގެ ގުޅުން އާދަޔާ ޚިލާފަށް ގާތްވެފައިވާކަމަށް ޚާރިޖީ މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. މިގުޅުމުގެ ތެރެއިން އިންޑިއާއިން ނާޖާއިޒު ފައިދާތަކެއް ހޯދައި ރާއްޖެ އިސްތިޤުލާލަށް ނުރައްކާވާފަދަ ކަންކަން ކުރަމުންދާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ. އެގޮތުން ގޮތް ނޭނގޭގޮތަކަށް އިންޑިއާގެ ގިނަ ޢަދަދެއްގެ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބިކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ކުރެއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން އަންނަނީ "އިންޑިއާ މިލްޓްރީ އައުޓު"ގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް ހިންގަމުންނެވެ.