ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ރައްޔިތުނަށް އަރިސް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ. އަދި މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދުވެސް ދިވެހި ފަސްގަނޑުގައި ދެމެހެއްޓެވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

.ރާއްޖެ އިސްލާމްވީ ހިޖުރައިން 548ވަނަ އަހަރު ރަބީޢުލްއާޚިރާ މަހުގެ 2ވަނަ ދުވަހައެވެ. އެއަށްފަހު ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ އަލިން އަލިވީ ދުވަހުގެ ގޮތުގައެވެ