ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. މިއީ އެމަނިކުފާނު އައްޑުއަށާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެއާއި މިއަދު އެމަނިކުފާނު ހުންނެވީ ފުވައްުމުލަކުގައެވެ.

ރައީސްގެ ދެކަނބަލުންނަށް ގަން އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔާރު އަލީ ނިޒާރާއި ކައުންސިލްގެ އިސްބޭފުޅުންނެވެ. އޭގެ އިތުރަށް ކުރީގެ މޭޔަރު އަބްދުﷲ ސާދިގާއި އައްޑޫގެ ގިނައަދަދެއްގެ ރައްޔިތުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންމެވުމަށް ވަޑައިގެން ތިއްބެވިއެވެ.

މިދަތުރުފުޅުގައި، އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި އައްޑޫގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.