ޒަމާނުއްސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގެދޮރާއި، ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ރީތި އާދައެއް ކަމަށާއި، އެ އާދަ މިހާރު ނެތެމުންދިޔަނަމަވެސް، އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި، މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރޯދަ ސާފް" ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މެނޭޖިންގ ޑިރެކްޓަރ ޝަރީފް އެގޮތަށް ވިދާޅުވީ، އެޗްޑީސީން އިންތިޒާމްކޮށްގެން ހުޅުމާޅެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވިދާޅުވީ، އެހަރަކާތައް ހުރިހާ މުއައްސަސާއަކުންވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް މުހިއްމު އަދި އެދެވޭ ކަމެއް ކަމަށާއި، އެ ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް ކަމަށާއި، އެހެން ނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމަށާއި، އެހެން ކަމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބޭފުޅުންވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަންގައިވައިގެން ނޫން ގޮތަކަށް އަޅުގަނޑުމެން އުޅޭ ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ، މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި، ހުރިހާ ފަރާތްތަކުންވެސް އަޒުން ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގްރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކުން ހާއްސަކޮށް، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާއި އެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ.

އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައިވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ޝަރީފް ވަނީ ދަންނަވާފަ އެވެ. އަދި އެޗްޑީސީން އިންތިޒާމްކޮށްގެން މި ބާއްވާ ހަރަކާތުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވީތީ އެ ހުރިހާ ފަރާތްތަކަށްވެސް ހާއްސަ ޝުކުރެއް ދަންނަވާކަމަށާއި، މި ހަރަކާތަކީ ރައްޔިތުންނަށް ފައިދާހުރި، ހާއްސަކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ފައިދާހުރި ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.