ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތް ކަމުގައިވާ ކަޅުވަކަރު މިސްކިތް އަލުން ހުޅުވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި 2016 ވަނަ އަހަރު ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގާފައި ވަނީ، ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވާނެ ކަމަށް ބުނެއެވެ.

އެކަމާގުޅިގެން ތާރީޚަށް ލޯބިކުރާ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލައި، އެ މައްސަލައިގައި ކޯޓަށް ވެސް ދިޔައެވެ. އެހެން ނަމަވެސް އޭރު ސަރުކާރުން އެ މިސްކިތް ރޫޅާލުމަށް ފަހު މިސްކިތަށްވީ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި މަސައްކަތެކެވެ.