އައްޑޫ ސިޓީގައި މިއަދު ހުޅުވި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިމާރާތަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ދިގުދެމިގެންވާ ރަމްޒެއް ކަމަށް ރައީސް އޮފީހުގެ ޗީފްއޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެތަނަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް އަޑުފަތުރައި ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ "ސިޔާސީ ބޭނުމަކަށް ހަގީގަތް އޮޅުވާލުމަށް އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ބުނެ ފަތުރަމުންދިޔަ ފިތުނަވެރިކަމުގެ ވާހަކަތަކަށް ނިމުމެއްއައި ދުވަސް" ކަމަށެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ރާއްޖޭގައި އިމާރާތްކުރި މުއައްސަސާއެކެވެ. އިންޑިއާ ސަރުކާރުން 33 މިލިއަންޑޮލަރު ޚަރަދު ކޮށްގެން އިމާރާތްކުރި މިތަން މިއަދު ހުޅުވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.