އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތަކަކީ، ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ވެދެމުންގެންދާ އެހީތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުގެ ސާފު ހެކިތައް މިއަދުވެސް ރާއްޖެއިން ފެންނަން އެބަހުރި ކަމަށެވެ. "އެގޮތުން ބަލާއިރު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކަމަށްވިޔަސް، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް ކަމަށްވިޔަސް، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައް ހެދުމާއި، ބިން ހިއްކުމާއި، ކޯސްޓްގާޑް ބިލްޑިންގއާއި، ތިލަފަޅުގައި ކޯސްޓްގާޑަށް ބިނާކުރެވޭ ފުރިހަމަ ފެސިލިޓީއާއި، މި ކަންތައްތަކަކީ އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ދިވެހީންނަށް ވަމުންދާ އެހީތެރިކަމަކީ އޭރު ރާއްޖޭގެ ވެރި ކަމުގައި ތިބީ ކޮންބައެއްތޯ ބަލައިފައިދޭ އެހީއެއް ނޫން ކަމަށެވެ.

"އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ، އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ، ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއްނެތި، ޤައުމުގެ ތަރައްޤީއާއި، ދިވެހިންގެ ކުރިމަގަށްޓަކައި ވަމުންދާ އެހީތަކެއް،" ކަމަށެވެ. މިއަދު ހުޅުވުނު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ، އޭގެ އެއް މިސާލު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މި ޕްރޮޖެކްޓް ފެށިގެން މިހިސާބަށް އައިގޮތަށް ބަލާއިރު، އެ ޙަޤީޤަތް ހާމަވޭ. މި ޕްރޮޖެކްޓްގެ ފުރަތަމަ ވާހަކަ ފުރަތަމަވެސް ދެ ސަރުކާރުގެ ދެމެދުގައި ދެކެވެން ފެށީ 2009 ވަނަ އަހަރު. ފުރަތަމަ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި. އެއަށްފަހު، ޅ. މާބިންހުރަޔަށް، ދ. ވާނީއަށް ޕްރޮޖެކްޓް ބަދަލުކުރެވުނު. އައްޑޫސިޓީގެ މަރަދޫ، ހިތަދޫ ގުޅޭ މި ސަރަޙައްދުގައި މި ޕްރޮޖެކްޓް ހިންގަން ނިންމާފައި ވަނީ 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އޭރު އޮތް ސަރުކާރުން. ޕްރޮޖެކްޓްގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު، ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހު. އަދި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ، 2022 ވަނަ އަހަރުގެ، މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް،" ރައީސް ވިދާޅުވިއެވެ.

މި އިމާރާތް އަޅާފައިވާ ސަރަޙައްދަކީ، ބިން ހަނިކޮށް އޮތް ސަރަޙައްދަކަށްވާތީ، ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި ބިން އިތުރުކޮށްފައިވެއެވެ. އިންޑިއާ ސަރުކާރުން މިވަނީ 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މި ޕްރޮޖެކްޓަށް ހޭދަކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީއެއް. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި، މީގެކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އޭރުގެ ރައީސް ކަމުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރައީސް ޢަބްދުﷲ ޔާމީނާއި، ޑޮކްޓަރ ވަޙީދާއި، ރައީސް މުޙައްމަދު ނަޝީދަށް ޚާއްޞަ ޝުކުރެއް މިކަމުގައި އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަކީ، މި ސަރުކާރުގެ ވަޢުދެއް ކަމަށެވެ. ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ، މުޖުތަމަޢުގެ ތެރޭގައި ޢާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާއި، ހަމަޖެހުމާއި، ޞުލްޙަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާ އެކުގައި އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން، މުޖުތަމަޢުގައި ހުންނަ މައްސަލަތައް ޙައްލުކުރުން ކަަމަށެވެ. ފުލުހުންނަށް ވަކި ޚާއްޞަ ތަމްރީނުތަކެއް ދޭންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ. "މި ކޮލެޖް ހުޅުވިގެން މިދަނީ، ފުލުހުންގެ ތަމްރީނުތަކަށް، މި ޒަމާނުގައި ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއެކު. މި ކޮލެޖުންދޭ ތަޢުލީމާއި ތަމްރީނުގެ ސަބަބުން ޑިމޮކްރެޓިކް އުޞޫލުތަކަށް ފުލުހުންގެ ލޯ ހުޅުވިގެންދާނެ. އަދި ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެގެންދާނެ. އަދި ކޮންމެ ފުލުހަކީ، ރައްޔިތުންގެ އިޙްސާސްތައް ދަންނަ އަދި މަސައްކަތަށް ޤާބިލް މީހަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.