ހުޅަނގުގެ ގައުމުތަކުން އުޅެނީ ރަޝިޔާދެކެ ބިރުންތޯ، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ސުވާލު ކުރައްވައިފިއެވެ.

ހަނގުރާމައާ ގުޅިގެން ކޮންމެ ރެއަކު ނެރުއްވާ ވީޑިއޯ މެސެޖްގައި ޒެލެންސްކީވަނީ، ހުޅަނގުގެ ގައުމުތަކުގައި ގުދަންކޮށްފައި ހުރި ހަތިޔާރުތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ޔޫކްރެއިނަށް ދިނުމަށް ޑިމާންޑް ކުރައްވާފައެވެ.

އަދި ހުޅަނގުގެ ގައުމުތަކުން އުޅެނީ ރަޝިޔާދެކެ ބިރުންތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ވީޑިއޯ މެސެޖްގައި ޔޫކްރެއިންގެ ރައީސްގެ މޫނުފުޅުމަތިން، ހުޅަނގުގެ ގައުމުތައް ދެކެ އޭނާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހިފައިވާކަން ހާމަވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަމަލާތައް ދޭން ފެށުމުން، ހުޅަނގުގެ ގިނަ ގައުމުތަކުންވަނީ، ޓޭންކާ ދެކޮޅަށް ހަމަލާދޭ ހަތިޔާރާއި، ހަނގުރާމަމަތީ މަދިންތާ ބޯޓަށް ހަމަލާދޭ ހަތިޔާރާއި އަދި އެނޫންވެސް ހަތިޔާރު ޔޫކްރެއިނަށް ދިނުމަށް ވައުދުވެފައެވެ.

އެހެން ނަމަވެސް، ޔޫކްރެއިނަށް މިވަގުތު ބޭނުންވެފައިވާ އެއްވެސް ހަތިޔާރެއް ނުލިބޭ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް މިވަގުތު ބޭނުންވެފައިވަނީ ޓޭންކާއި، މިސައިން ޑިފެންސާއި، އެންޓި-ޝިޕް ހަތިޔާރު. އެއީ، އަޅުގަނޑުމެންގެ ޕާޓްނަރުންގެ އަތުގައި ހުރި އެއްޗެހި. މި ހަތިޔާރުތައް ބޭނުންވަނީ ހަމައެކަނި ޔޫކްރެއިންގެ މިނިވަންކަމަށް އެކަންޏެއްނޫން، މިއީ ޔޫރަޕްގެ މިނިވަން ކަމަށްވެސް ބޭނުންވާ ހަތިޔާރު" ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވިދާޅުވީ، އެގައުމަށް ބޭނުންވަނީ ނޭޓޯގައި ހުރި ހަތިޔާރުގެ ތެރެއިން އެންމެ އިންސައްތައެއްގެ މަތިންދާ ބޯޓާއި، އެންމެ އިންސައްތައެއްގެ ޓޭންކް ކަމަށެވެ.

މަތިންދާ ބޯޓާއި، ޓޭންކާއި، އަސްކަރީ އުޅަނދުތައް ލިބިގެން މެނުވީ، ދެކުނުގެ މެރިއުޕޮލްއަށް ރަޝިޔާއިން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަކީ ނާދިރު ކަމެއް ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ހަތިޔާރު ލިބޭނެ ކަމަށް ޔޫކްރެއިނުން އިންތިޒާރުކުރާތާ 31 ދުވަސް ވެއްޖެ ކަމަށް ވިދާޅުވެ ޔޫރޯ-އެޓްލާންޓިކް ކޮމިއުނިޓީގެ ވެރިޔަކީ ކާކުތޯ، ޒެލެންސްކީވަނީ ސުވާލު ކުރައްވާފައެވެ. އެއީ، އަދިވެސް ރަޝިޔާތޯއާއި، އެކަން އެގޮތަށް ހިނގަނީ ރަޝިޔާގެ ބިރުދެއްކުންތަކުގެ ސަބަބުންތޯވެސް ޒެލެންސްކީވަނީ ސުވާލު ކުރައްވާފައެވެ.

ޔޫކްރެއިން ހިފިއްޖެނަމަ ރަޝިޔާގެ ހަނގުރާމަ ޔޫރަޕްގެ އިތުރު ސަރަހައްދުތަކަށް ފުޅާ ކުރާނެ ކަމަށް ޔޫކްރެއިންގެ ރައީސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް، ޔޫކްރެއިންގައި ނޯ ފްލައި ޒޯނެއް ގާއިމްކުރުމަށް ނޭޓޯއިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ، އެހެން ހަދައިފިނަމަ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީއެވެ.