އިސްލާމްދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމެވެ.

އަދި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހިން އިސްލާމްދީން ގަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީހީ ލިޔުމުން އެގޭ ކަމަށާ ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަގުރިބް ކަރައިގެ އިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާން ނިންމާލާފައިވަނީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ގާއިމު ވެފައިވާ ސުލްހަ މަސްލަހަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުއާ ކުރަމުންނެވެ.