ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މަސައްކަތްކުރާ ސަރައްހައްދަށް ގެންގޮސްފިއެވެ. މި ޝިޕްމެންޓް އެ ސަރަހައްދަށް ގެންދިޔައީ މިމަހު 26 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެ މަސައްކަޔުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީގެ ފޫޓިންނާއި ކޮލަމް ކާސްޓިންގް މަސައްކަތްތައް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ. މިއީ 32.1 މިލިއަން ރުފިޔާ މަޝްރޫއެކެވެ،

މި މަޝްރޫޢުގެ ދަށުން، 29،038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އޭގެ އިތުރުން 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނެއެވެ. އަދު ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ އިތުރުން ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް ވަނީ އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން، 40 މީޓަރުގެ ގްރޮއިންސް ޖެހުމާއި 200 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.