ޝާލީ އެބްޑޯގެ ފުރައްސާރަ ކުރަނިވި ކާޓޫނުތައް ކިލާހުގައި ދެއްކި ޓީޗަރު ސެމުއެލް ޕެޓީ، މަރާލި މައްސަލާގައި، ފަރަންސޭސި ރައީސް ދެއްކެވި ވާހަކަތަކަށް ގައުމުތަކުން ތާއީދުކޮށްފައި ނުވާތީ ރައީސް އިމާނުއެލް މެކްރޮން އެކަމަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
ހޯމަދުވަހު މެކްރޮން ވަނީ ދެ އިންޓަރވިއު ދެއްވާފައެވެ. ތަފާތު ދެ ރާގަކަށް ދެއްވާފައިވާ ދެ އިންޓަރވިއުގައިވެސް އޭނާ ވަނީ އިންޓަރނޭޝަނަލް މީޑިއާއާގައި ފަރަންސޭސިންނަށް ތާއީދުކޮށްފައި ނުވާތީއާއި ގައުމުތަކުން ފަރަންސޭސިންނަށް ވާގިވެރިވެފައި ނުވާތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މެކްރޮން ވިދާޅުވީ 2015ގައި ލިބުނު ފަދަ ތާއީދެއް، މިފަހަރު ގައުމުތަކުންނާއި މީޑިއާއަކުންނެއް ނުލިބެއެވެ.
"ފަސް އަހަރު ކުރިން އެކާޓޫނުތައް ކުރެހި މީހުން މަރާލުމުން ފަރަންސޭސިންނަށް މުޅި ދުނިޔެއިން ތާއީދު ކުރި. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ތާއީދު ކުރި" ފަރަންސޭސި ލަ ގްރާން ކޮންޓިނާނއަށް ދެއްވި އިންޓަރވިއުގައި މެކްރޮން ވިދާޅުވިއެވެ.
"ތަޢްޒިޔާއަށް ފޮނުވާފައި ހުރި މެސެޖްތަކަކީ، ވަރަށް ކޮންޓްރޯލް ކޮށްގެން ލިޔެފައި ހުރި މެސެޖްތަކެއް. އިސްލާމީ ދުނިޔޭގެ ބައެއް ހިސާބުތަކުން ލިބުނު މެސެޖްތަކަކީ ނިކަން ބިރުގަންނަ މެސެޖްތަކެއް" އިސްލާމީ ދުނިޔޭގައި ހިންގާފައިވާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މެކްރޮން ވިދާޅުވިއެވެ.
"އަޅުގަނޑަކީ ތަފާތު ސަގާފަތްތަކާ ހަޟާރާތަކަށް ތާއީދު ކުރާ މީހެއް. އެކަމަކު އެހެން މީހުންނަށް އަޅުގަނޑުމެންގެ ވައްޓަފާޅިން ސިހުމެއް ލިބުނަސް އަޅުގަނޑުމެންގެ ގާނޫނުތައް ބަދަލު ކުރާކަށް އަޅުގަނޑެއް ނެތިން"
މެކްރޮން، ނިއުޔޯރކް ޓައިމްސްއަށް ދެއްވާފައިވާ އިންޓަރވިއުވެސް ދާދި އެއްފަދައެވެ. އެހެންނަމަވެސް މިނޫހުގައި އިނގިރޭސިބަހުން ވާހަކަ ދައްކާ ގައުމުތަކަށާއި އިސްލާމީ ގައުމުތަކަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.
ނިއުޔޯރކް ޓައިމްސްގެ ބެން ސްމިތުއަށް ދެއްވި އިންޓަރވިއުގައި މެކްރޮން ވިދާޅުވީ، އެމެރިކާ މީޑިއާ ފަރަންސޭސިންނާ ދެކޮޅަށް މުސްލިމުންނާ އެއްކޮޅަށް ބުރަވެފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު، މެކްރޮން އޮފީހުގައި އިންނަވައިގެން ބެން ސްމިތަށް ގުޅުއްވައި، އިނގިރޭސި ބަހުން ޝައިއުކުރާ މީޑިއާގައި، ޓީޗަރު ސެމުއެލް ޕެޓީގެ ކަރު ބުރިކޮށްލި މައްސަލާގައި ފަރަންސޭސިން ބަދުނާމުކޮށް ލިޔަމުންދާ ކަމަށް ޝަކުވާ ކުރެއްވިއެވެ.
މެކްރޮން ވަނީ ބެން އާއެކު ދެއްކެވި ވާހަކައިގައި، ފަރަންސޭސިވިލާތަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ، އިސްލާމްދީނަށް ނަފްރަތު ކުރާ އިސްލާމޯފޯބިމް ހަމަތަކެއް ގެންގުޅޭ ގައުމެއްކަމަށް އިނގިރޭސި ބަހުން ނިކުންނަ ނޫސްމަޖައްލާތަކުގައި ސިފަކޮށްފައި ވާތީ، ޝަކުވާ ކުރައްވާފައެވެ.
މެކްރޮން ތުހުމަތު ކުރައްވާ ގޮތުގައި ފަރަންސޭސިންނަށް ހަމަލަ ދިނުމަކީ ހުއްދަކަމެއް ކަމަށް މިނޫސްމަޖައްލާތަކުން ދައްކާފައި ވެއެވެ.
ބެލެވޭ ގޮތުގައި މެކްރޮން މަސައްކަތް ކުރައްވަމުން ގެންދަވަނީ، 2022ގެ ރިއާސީ އިންތިޚާބަށެވެ. މިއިންތިޚާބުގައި އޭނާއާ ވާދަކުރާނެ ކަމަށް ވަނީ މުސްލިމުންނާ ދެކޮޅުވެރި، ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ މާރީ ލަ ޕެންއެވެ. މިއިންތިޚާބުގައި މައިގަނޑު މައުޟޫއަކަށް ވެގެންދާނީ ފަރަންސޭސި އިލްމާނީ ދައުލަތް ވުޖޫދުގައި އޮތުމާ މެދުގައެވެ.
މެކްރޮން ދައްކަވަން ބޭނުންފުޅުވަނީ، ފަރަންސޭސިވިލާތުގެ ބައިމަދު މުސްލިމުންނަކީ، ވަކިވެގެން އަމިއްލަ އިސްލާމީ އުސޫލުތައް ފަރަންސޭސިންގެ މައްޗަށް މަޖުބޫރު ކުރުވަން އުޅޭ ބައެއް ކަމަށެވެ.
މެކްރޮންގެ ވާހަކަތަކަށް އިސްލާމީ ދުނިޔޭގައި ތާއީދުކޮށްފައިވަނީ ޔޫއޭއީގެ ޚާރިޖީ ވުޒާރާއިންނެވެ.
ފަރަންސޭސިންނަކީ މުސްލިމުންނާ ދެކޮޅުވެރި ދައުލަތެއް:
ފަރަންސޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ދެމުން ގެންދާ އިސްލާމޯފޯބިކް ހަމަލާތައް ޑޮކިއުމެންޓް ކޮށްފައިވާ ދިރާސާ ރިޕޯޓްގައި އަންނަނިވި އަދަދުތައް ފާހަގަ ކޮށްފައި ވެއެވެ.
2017އާ އަޅާބަލާއިރު ފަރަންސޭސިވިލާތުގައި އިސްލާމޯފޯބިކްގެ އަމަލުތަކާއި ހަމަލާތައް 77 ޕަސެންޓަށް އިތުރު ވެފައި ވެއެވެ. 2019ގައި 1043 އިސްލާމޯފޯބިކް އަމަލުތަކާއި ހަމަލާ ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން،
- · ޖިސްމާނީ ގޮތުން ގޯނާ ކުރުމުގެ 68 ހަމަލާ (6.5 ޕަސެންޓް)
- · ތަފާތު ކުރުމުގެ 618 ހާދިސާ (59.3 ޕަސެންޓް)
- · ހޭޓް ސްޕީޗް އާއި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ 201 މައްސަލަ (20.1 ޕަސެންޓް)
- · ޙުރުމަތް ކަނޑާލުމުގެ 93 މައްސަލަ (8.9 ޕަސެންޓް) މުސްލިމުންގެ އަޅުކަން ކުރާތަންތަނުގެ ހުރުމަތް ކަނޑާލުމުގެ 22 މައްސަލައެއް (2.1 ޕަސެންޓް)
- · ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ކަމެއް ކަމަށްބުނެ ތަފާތުކުރުމުގެ 32 ހާދިސާ (3.1 ޕަސެންޓް) ރިޕޯޓް ކޮށްފައި ވެއެވެ.
ފަރަންސޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ކުރެވޭ ކަންކަމަކީ މީޑިއާއިން ޖާގަ ލިބޭ މައްސަލަތަކެއް ނޫނެވެ. މީޑިއާގެ ސަމާލުކަމަށް އަންނަނީ މުސްލިމުން ކުރާ ކަންތައް އެކަންޏެވެ.
ފަރަންސޭސިވިލާތުގައި ސަރުކާރު މަސްއޫލުވެރިންނާއި މީޑިއާގައި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ އަމަލުތަކަކީ، ސެކިއުލަރިޒަމްގެ ނަމުގައި ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަންކަމެވެ.
މުސްލިމުންނާ ދެކޮޅަށް ދެވޭ ހަމަލާތަކަކީ ހަމައެކަނި އަނގަބަހުން ދެވޭ ހަމަލާތަކެއް ނޫނެވެ. ހަތިޔާރު އެޅި ހަމަލާތައްވެސް ދެވެއެވެ.
ފަރަންސޭސި ސޮލީބީ ހަމަލާތަކުގެ އަސަރު އެހެން ތަންތާނގައި:
(ސޮލީބީ ހަނގުރާމަ ފެށުނީވެސް ފަރަންސޭސިވިލާތުންނެވެ.)
ދުނިޔޭގެ އެހެން ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލަތަކަކީވެސް ފަރަންސޭސިވިލާތަށް މޫލާފައިވާ ހަމަލާތަކެކެވެ. މިއީވެސް އާންމުކޮށް މީޑިއާއިން ރިޕޯޓް ކުރާނެ ކަންކަމެއް ނޫނެވެ.
ނިއުޒިލެންޑްގެ މިސްކިތަށް ހަމަލަ ދީ 51 މީހުން މަރާލައި 49 މީހުން ޒަޚަމް ކޮށްލި މީހާ ބުނެފައި ވަނީ އޭނާގެ މުސްލިމުންނާ އަދާވާތްތެރި އިސްލާމޯފޯބިކް ވިސްނުން ބައްޓަން ވެފައި ވަނީ މުސްލިމުންނާ ދެކޮޅުވެރި ފަރަންސޭސި މުފައްކިރު ރެނާޑް ކާމޫގެ ފިކުރުން ކަމަށެވެ.
މުސްލިމުންނާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ހިންގާ އަމަލުތަކާއި ސިޔާސަތުގައިވެސް ހައްދުފަހަނައަޅާފައިވާ ކްރިސްޓިއަނުންގެ ދައުރަކާއި ނުފޫޒުވެސް ބޮޑެވެ.
ސިޔާސީ މައިދާނުގައި މުސްލިމުންނާ އަދާވާތްތެރިކަން:
ފަރަންސޭސި ރައީސް އިމާނުއެލް މެކްރޮންއާއި އޭނާގެ ދާޚިލީ ވަޒީރު ކްރިސްޓޯފް ކާސްޓެނަރވެސް މުސްލިމުންނާ އަދާވާތްތެރިކަމުން އިސްތިސްނާއެއް ނުވާނެއެވެ. ފަރަންސޭސި ދާޚިލީ ވަޒީރު ބުނެފައިވަނީ، ފަސް ވަގުތު ނަމާދު ކުރާ، ހަލާލު ކާނާ ކައި އުޅޭ، ތުބުޅި ބަހައްޓާ މުސްލިމުންނަކީ ފަރަންސޭސިވިލާތުގައި ޓެރަރިޒަމާ ގުޅުން ހުރި އަމަލުތައް ހިންގާނެ މީހުން ކަމުގައެވެ.
ފަރަންސޭސި ރައީސް ބުނެފައި ވަނީ އޭނާ ބޭނުންވަނީ ފަރަންސޭސިވިލާތުގެ މުސްލިމުން މިނިވަން ކުރާށެވެ. މިސްކިތްތަކަށް ފައިސާ ލިބޭ ގޮތްތައް ހޯދާށެވެ. މުސްލިމުން، އިސްލާމް ދީނުން މިނިވަން ކުރުމަކީ ފަރަންސޭސިން ތާއަބަދު އެކަމެއްގައި ހަލާކުވަމުންދާ ޚިޔާލެވެ.
އަލްޖަޒާއިރުގައި ފަރަންސޭސިން ހިންގި ގަތުލުއާންމު:
އަލްޖަޒާއިރު އިސްތިއުމާރުކޮށް، މުސްލިމުންގެ ގަތުލުއާންމު ހިންގީވެސް އިސްލާމް ދީން ފޮހެލުމުގެ މަގްސަދުގައެވެ.
މުސްލިމުން އިސްލާމްދީނުން މިނިވަން ކުރުމަށް މަސައްކަތް ކުރާ އެންމެ ފުރަތަމަ ފަރަންސޭސި ވެރިއަކީ މެކްރޮން ކަމުގައި ނުވާނެއެވެ. އޭނާގެ ކުރިން ނެޕޯލިއަން ބޮނަޕަރޓްވެސް އެކަން ކުރަން އުޅުނެވެ. 1798ގައި މިސްރާއި ފަލަސްތީނަށް ބޮނަޕަރޓް ހަމަލަ ދިނީ ތިމަން މެންނަކީ މުސްލިމުން ކަމުގައި ބުނެ އޮޅުވާލައިގެންނެވެ.
ފަހުން، ނެޕޯލިއަން ވެގެން ދިޔައީ އިސްލާމް ދީނަށް އިޙުތިރާމް ކުރާ މީހަކަށެވެ. އަދި ސެއިންޓް ހެލާނާގައި އޭނާ މަރުވީ މުސްލިމެއްގެ ގޮތުގައި ކަމަށްވެސް ހުޅަނގުގެ ބައެއް މުއައްރިޚުން ގަބޫލު ކުރެއެވެ. މަރުވި އިރު ނެޕޯލިއަން ބޮނަޕަރޓްގެ ނަމަކީ، އަލީ ބޮނަޕަރޓް އެވެ.
އަލްޖަޒާއިރުގައި ފަރަންސޭސިން:
އަލްޖަޒާއިރަށް ފަރަންސޭސިން އެރީ ކިހިނެއްކަން ބަލާލަމާ ހެއްޔެވެ؟ ފަރަންސޭސިންގެ ހަޟާރީ ހާލަތު އެއިރު އޮތް ގޮތް ސާފުވާނެ ކަން ކަށަވަރެވެ.
އަލްޖަޒާއިރުގެ ޔަހޫދީ ރައްޔިތުން ގެތޭގައި ވަރަށް މުއްސަނދި އާއިލާއެއް ކަމަށްވާ ލިވެރްނޯ އާއިލާއިން ވަނީ އަލްޖަޒާއިރުގެ ގޮދަން ފަރަންސޭސި ސަރުކާރަށް ވިއްކާފައެވެ. މިއީ ފުރަތަމަ ޖުމްހޫރިއްޔާގައި ނެޕޯލިއަން އިޓަލީވިލާތް ހިފުމަށް ކުރި ހަނގިރާމައިގައި ސިފައިންނަށް ކާންދޭން ގަތް ގޮދަނެވެ.
ޔަހޫދީންނާ ދެކޮޅަށް އިންތިހާއަށް ނަފްރަތު އުފައްދާފައި އޮތް ޕެރިހުގައި، ފަރަންސޭސި ސަރުކާރުން ނިންމީ މިފައިސާ ލިވެރްނޯ އާއިލާއަށް ނުދިނުމަށެވެ.
1827ގައި މި ފައިސާ ހޯދުމަށް ޓަކައި، އަލްޖަޒާއިރުގެ އުސްމާނީ ޚަލީފާގެ ގަވަރުނަރު ޙުސެއިން، ފަރަންސޭސި ކޮންސުލް ޖެނެރަލްއަށް އެންގެވީ ޔަހޫދީ އާއިލާތަކަށް އެމީހުންގެ ހައްގު ފައިސާ ދިނުމަށެވެ. ނަމަވެސް ފަރަންސޭސި ކޮންސުލް ޖެނެރަލް އެކަމަށް އިންކާރު ކުރެއްވުމުން ގަވަރުނަރު އަތްޕުޅުގައި އޮތް މެހިފޮޅި އަކުން ކޮންސުލް ޖެނެރަލްގެ އަތުގައި މަޑުމަޑުން ޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ. “ކަލޭ ތިޔައީ، މަކަރުވެރި، ގޮތެއް ފޮތެއް ނެތް، ދެތުވެރިކަމުގެ ކަންފުޅެއްވެސް ނެތް، ބުދަށް އަޅުކަން ކުރާ ގަމާރެއް!” މިފަދައިންނެވެ.
މިވާހަކަ އެނގުމާއެކު ފަރަންސޭސި ރަސްގެފާނު އިޢްލާން ކުރެއްވީ އެފައިސާ ޕެރިހުން ދައްކާނެ އެއް ގޮތެއްވެސް ނޯންނާނެ ކަމަށެވެ. އަދި ކޮންސުލް ޖެނެރަލްއަށް އިހާނެތިކޮށް ހިތުމުން އެކަމުގެ ބަދަލުގައި، އަލްޖަޒާއިރު ކުޑަކަކޫ މައްޗަށް ތިރިކުރުމަށް، އޭނާގެ ލަޝްކަރު ފޮނުއްވިއެވެ.
މި މީހަކީ ޗާލްސް 10 ރަސްގެފާނެވެ. މުޅި އާއިލާވެސް ނެތި ދިޔައީ މާތްﷲގެ ލަޢްނަތާއެކު ނިކަން ހުތުރުގޮތަކަށް ކަން ތާރީޚު ކިޔާ މީހުންނަށް އެނގޭނެއެވެ.
މިރަސްގެފާނުގެ ދެއުޅި އެއްނުވާ، އެހެން ހަގީގަތެއް މުއްރިޚުން ފާހަގަ ކުރެއެވެ.
ފަރަންސޭސި އަޅުދާސްކަމުން މިނިވަންވާން، ދެކުނު އެމެރިކާގެ ހެއިޓީގެ އަޅުން ކުރި މަސައްކަތުން އެގައުމު މިނިވަން ވުމުން 1825 ގައި މި ޗާލްސް ރަސްގެފާނު ހެއިޓީއަށް އެންގީ، ހެއިޓީ މިނިވަން ވުމުން، ފަރަންސޭސި ދޮން މީހުންނަށް ލިބުނު ގެއްލުންތަކަށް އެތައް މިލިއަން ފްރޭންކެއް ބަދަލުގެ ގޮތުގައި ދިނުމަށެވެ. އަދި ހެއިޓީގެ ހިސާރު ކަނޑައި ހެއިޓީ އަކީ ދައުލަތެއްކަމަށް ގަބޫލުކުރާނީ މިފައިސާ ދިނުމުން ކަމަށްވެސް މި ޗާލްސް ނިންމިއެވެ.
ކޮންމެ އަކަސް، މި މަލްޢޫނު ރަސްގެފާނު، އަލްޖަޒާއިރު ހިފުމަށް އޭނާގެ ލަޝްކަރު 1830 ޖޫން މަހުގެ މެދުތެރޭގައި ފޮނުވިއެވެ. އަލްޖަޒާއިރު، ފަރަންސޭސިންގެ އަތްދަށަށް ދިޔައީ ޖެހިގެން އައި ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.
ފައިސާއަށް އިންތިހާއަށް ބޭނުންވެފައިވާ ފަރަންސޭސިން އަލްޖަޒާއިރުގެ ޚާޒާނާ އެއްކޮށް ލޫޓުވާލައި ދޮވެލިއެވެ.
43 މިލިއަން ފްރޭންކްގެ އަގުހުރި ރަނާއި ރިއްސާއި ޖަވާހިރާއި ފައިސާ ވަގަށް ނެގިއެވެ. ފަރަންސޭސިވިލާތުން އަލްޖަޒާއިރުން ވައްކަން ކުރިއިރު އެފްރިކާގެ އެހެން ގައުމުތަކަށްވެސް އަރައި ގަނެ، ހަމަ އެގޮތަށް ވައްކަން ކޮށްފައި ވެއެވެ.
ފަރަންސޭސި ޕާލަމެންޓްގައި ޗާލްސް ރަސްގެފާނު 2 މާރޗް ގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އަލްޖަޒާއިރަށް ނަސާރާދީން ވެއްދުމަށްޓަކައި އެގައުމު، އޭނާގެ ލަޝްކަރުން ހިފާނެ ކަމަށެވެ.
މި މަލްޢޫނުގެ މިނިންމުމާ އެއްގޮތަށް އަލްޖަޒާއިރަށް އެރި ފަރަންސޭސި ސިފައިން ވަނީ މިސްކިތްތައް ފޭރި ގަނެ އެތަންތަން ފައްޅިތަކަށް ބަދަލުކޮށްފައެވެ. 1612 ގައި އަލްޖަޒާއިރުގައި ބިނާ ކޮށްފައިވާ އެންމެ ބޮޑު މިސްކިތްވެސް ފައްޅިއަކަށް ބަދަލު ކުރިއެވެ. މިކަން ކޮށްފައި ވަނީ 1832 ޑިސެމްބަރު މަހު އެވެ. މިތަނަށް ނަން ދިނީ ކެތީޑްރަލް އޮފް ސެއިންޓް ފިލިޕީގެ ނަމުންނެވެ.
ހަމައެއަހަރު ފަރަންސޭސި ސިފައިން ވަނީ ރަށްތަކާއި ސިޓީތަކަށް ހަމަލަ ދީ އެތަންތާގެ ރަށްވެހިންގެ ތެރޭން އެކަކުވެސް ދޫކޮށް ނުލައި އަންހެނުންނާއި ކުޑަ ކުދިންވެސް ނެތިކޮށްލައި އެމީހުންގެ މުދާތައް ފޭރިގެންފައެވެ.
މިއަނިޔާވެރި އަމަލުތަކާ ގުޅިގެން ފަރަންސޭސިވިލާތުގެ އެއިރުގެ މުހިންމު މީހެއްކަމުގައިވާ އަލެކްސް ޓޯކަވިލް 1840 ވަނަ އަހަރު ބުނެފައި ވަނީ ކީކޭ ހެއްޔެވެ؟
“އެފްރިކާގައި އަހަރަމަނެން ދެ ގާނޫނެއް ގެން ގުޅެން ޖެހެއެވެ. އެއީ އަހަރަމެން ކުރިމަތިލާން މިޖެހެނީ ދެ މުޖުތަމައަކާއެވެ. އަހަރަމެންގެ ޔޫރަޕްގެ ދޮން މީހުންގެ މުޖުތަމައަކާއި އެފްރިކާ މީހުންގެ ޖަމާއަތަކާއެވެ. އެފްރިކާ މީހުންނަށް އަހަރަމެން ހަދާ ގާނޫނު ހިނގާނީ ހަމައެކަނި އެމީހުންގެ މައޗަށެވެ."
އަލްޖަޒާއިރުގެ ރައްޔިތުންނާ ދެކޮޅަށް ފަރަންސޭސިން ހިންގަމުން ގެންދިޔަ އަނިޔާވެރި އަމަލުތަކާއި ނަސްލުތައް ނެތިކޮށްލުމުގެ ޖެނޮސައިޑް
އަމަލުތަކަށް އޭނާ ހިތްވަރު ދިނެވެ.
“އަހަރަމެން އަލްޖަޒާއިރުގައި ދަނޑު ގޮވާންތައް އަންދާލާ ބަޑީގެ ވަޒަންތައް އެމީހުންގެ މެއަށް އެއްކޮށް ހުސްކޮށްލާތީ އަހަރަމެންގެ ތެރޭން ބައެއް ހިތް ބަލި މީހުން ހިތްދަތިވާ ކަން އަހަރަމެންނަށް އެނގެއެވެ. އަހަރަމެން ހަތިޔާރު ނުގެންގުޅޭ ފިރިހެނުންނާއި އަންހެނުންނާއި ކުޑަ ކުދިންވެސް ނެތިކޮށްލަމުއެވެ. މިއީ އަހަރެން ދެކޭ ގޮތުގައި ކޮންމެހެން ކުރަން ޖެހޭ، ނުކޮށް ފަރު ނުޖެހޭނެ ކަންތައްތަކެވެ."
1871ގައި އަލްޖަޒާއިރުގެ މުސްލިމުން ފަރަންސޭސިންނާ ދެކޮޅަށް އުތުރި އެރިއެވެ. އަލްމުޤްރާނީގެ ލަޝްކަރުގައި ދޮޅު ލައްކަ މީހުން ބައިވެރިވިއެވެ.
ފަރަންސޭސި ޖެނޮސައިޑް ލަޝްކަރު މިއަށް ރައްދު ދިނީ ރައްޔިތުންގެ އެތައް ލައްކަ މީހުން މަރަމުންނެވެ. ފަރަންސޭސިން މެދުވެރި ކުރި ބަނޑަށް ޖެއްސުންވެސް މިއާއެކު އަލްޖަޒާއިރުގެ މީހުންނަށް 1860ގައި ލައިގަތެވެ. އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުން ނުވަތަ މިލިއަނަކަށް ވުރެން ގިނަ މީހުން ފަނާވެ ދިޔައެވެ.
ފަރަންސޭސި ޖެނޮސައިޑް ލަޝްކަރުން އަވަށްތައް އެއްކޮށް ބިމާ ހަމަކޮށްލިއެވެ. އެކަމަކުވެސް ފަރަންސޭސިންނާއި އިސްލާމް ދީނާ ދެމެދު އޮތް މައްސަލައަށް ހައްލެއް ނުލިބުނެވެ. އަލްޖަޒާއިރުގެ މީހުންގެ އީމާންތެރިކަން ވަރުގަދަވެފައި އަޒުމު ގުޑުވައެއް ނުލެވުނެވެ.
ފަރަންސޭސިވިލާތަށް ދުވަހަކަށް ވުރެން ދުވަހެއް އިސްލާމް ދީނާއި މުސްލިމުންގެ މައްސަލަ ދިޔައީ ބޮޑު ވަމުންނެވެ. އަތަށް ގޮވާނެ މައްސަލައަކަށް އިސްލާމް ދީނާއި މުސްލިމުންގެ މައްސަލަ ފަރަންސޭސިންނަށް ވާނެކަން އިހުސާސް ކުރެވުނެވެ.
1901 ވަނަ އަހަރު ފަރަންސޭސިން ދިރާސާ ކުރަން ބޭނުންވީ، 2000 ވަނަ އަހަރު އިސްލާމް ދީނާއި މުސްލިމުންގެ ހާލަތު ފަރަންސޭސިވިލާތަށް އޮންނާނީ ކޮންގޮތަކަށް ހެއްޔެވެ؟
މި މަސައްކަތުގައި އުޅުނު ގިނަ މީހުންނަށް ފެނުނީ އިސްލާމް ދީން އޮޅުވާލުމަށް މީހުން ތަމްރީނު ކޮށް ފަރަންސޭސިން ބޭނުންވާ ވައްތަރުގެ އިސްލާމީ ސަގާފަތެއް މީހުންނަށް ދިނުމަށެވެ.
މި މަޝްރޫއުގެ ދަށުން އަލްޖަޒާއިރުން މުސްލިމު އަންހެން ކުދިންތަކެއް ނަގައިގެން ޕެރިހަށް ގެންގޮސް ތަމްރީނުތަކެއް ދެވުނެވެ. އަދި ބޮޑު ޝޯއެއްގައި ސަރުކާރުގެ މި ޕްރޮޖެކްޓްގެ ކާމިޔާބުކަން ދެއްކުމަށް މި ކުދިން ސްޓޭޖަށް އެރުވުނެވެ. ދެއްކި ހުރިހައި ވާހަކައެއް ފަރިއްސަށްވީ، މި ކުދިން އަލްޖަޒާއިރުގެ ސަގާފީ މުސްލިމު ހެދުމުގައި ފެނުމުންނެވެ.
ހައިރާން ކަމާއެކު އެންމެން ފަރަންސޭސި ވަޒީރާ ސުއާލު ކުރީ މުސްލިމުން ޒަމާނީ ގޮތަށް ބަދަލު ކުރުމުގެ ކާމިޔާބީއަކީ މިއީ ތޯ އެވެ. ނުތަނަވަސްވެފައިވާ ވަޒީރު ބުނީ، މިފަދައިންނެވެ.
“އެމީހުންގެ ހިތުހައި އިސްލާމް ދީނާއި ގުރުއާން އޮންނަ ނަމަ އަހަރަން ދެން އެއަށް ކުރާނީ ކީއްހެއްޔެވެ؟”
އެއިރުވެސް ފަރަންސޭސި ސުޕިރިމެސިސްޓް ކްރިސްޓިއަނުން އިސްލާމް ދީނަށް ހަމަލަ ދެމުން ދިޔައީ މިގޮތަށެވެ. އަދި މިއަދުވެސް ހަމަ އެފަދައިންނެވެ.