ރާއްޖެއިން، ފާއިތުވި 2 ހަފްތާގެ ތެރޭގައި ޖުމުލަ 2،342 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ކޯވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުތައް ހާމަކުރި ފުރަތަމަ ފަހަރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު މިހިނގާ މާޗްމަހުގެ 14ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހިގެން ރެކޯޑްކުރެވިފައިވާ ޢަދަދަކީ 2342 މީހުންނެވެ. އެއީ މާލެ ސަރަހައްދުން މިބައްޔަށް ޕޮޒިޓިވްވި 184 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 1938 މީހުންނެވެ. މިމުއްދަތުގެ ތެރޭގައި މިބަލީގައި ރާއްޖެއިން ވަނީ އެކަކު ނިޔާވެފައެވެ.

މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދަކީ 176،993އެވެ. މިހާތަނަށް މިބަލީގައި 298 މީހުން ރާއްޖެއިން ނިޔާވެއްޖެއެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 13ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި އެދުވަހާހަމައަށް އަޅާފައިވާ ގިނަ ފިޔަވަޅުތައްވެސް ވަނީ އުވާލާފައެވެ. އޭގެފަހުން ރާއްޖޭގެ ކޯވިޑް ބަލީގެ ތަފާސް ހިސާބު ހާމަކުރަމުންދާނީ ހަފްތާއިން ހަފްތާއިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.