މިފެށޭ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ އަންނަ ހޮނިހިރުވިލޭރޭ އޮނާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައި އިސްލާމީމަރުކަޒުގައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ ކުރިން ވެސް އަމަލުކުރަމުންއައި ގޮތަށެވެ. އެގޮތުން މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައިއެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގައެވެ. ހަނދު ފެނުނު މީހާ ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިންމު މަޢުލޫމާތު ދޭންޖެހޭނެއެވެ.

ހަނދު ފެނުނުމީހާ ހެކިބަސް އަދާކުރަންދާއިރު ހޭދަވާ ޚަރަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަވައި ދެއްވާނެއެވެ.

އަންނަ ހުކުރުދުވަސް ވާނީ ޝަޢުބާން މަހުގެ 29 ވަނަދުވަހަށެވެ. ކަލަންޑަރު ބުނާގޮތުން ރޯދަމަހުގެ މުލަ ރޯދަވާނީ އެޕްރިލް ދެވަނަ ދުވަހެވެ.