ފާއިތިވި ތިން އަހަރުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހެދުމަށް މަސައްކަތްކުރުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖޫމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާއެއްގޮތަށް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުމަށްޓަކައި، ދިވެހި ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހާޞިލްކުރަމުން ގެންދާ ކުރިއެރުންތަކާއި ނަތީޖާ ތަކަކީ ފަހުގެ ތާރީހެއްގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީތަކެއްކަމަށެވެ. އެގޮތުން ފާއިތުވި ތިން އަހަރަކީ ކާމިޔާބު އަހަރުތަކަކަށް ހެދުމަށް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކޮށްފައިވާ ވާ ބޮޑެތި އަދި ބުރަ މަސައްކަތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކޮށްފައިވާ މަސައްކަތްތަކެއްކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި ގުޅިފައިވާ ކޮންމެ ކަމެއްގައި މިއަދު ފުލުހުންގެ ދައުރެއް ވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދު ރާއްޖޭގައި ހޭދަވާ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުވެ މުޢާމަލާތްކުރެވެމުންދާކަމަށާއި އެއީ ރައްޔިތަކަށް ކުރިމަތިވެފައިވާ ނުރައްކަލެއް ނައްތާލުމަށް ނުވަތަ މައްސަލައެއް ހައްލުކޮށްދިނުމަށް ނުވަތަ ގާނޫނުން ލިއްބައިދޭ ރައްކާތެރިކަމެއް ހޯދައިދިނުމަށް ފުލުހުން ރައްޔިތުންނާ ބައްދަލުކުރާ ނިސްބަތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެއިތުރުން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރި އަމާން މުޖުތަމައެއް ގާއިމުކޮށްދިނުމަށް، 2019 ވަނަ އަހަރުން ފެށިގެން، ފާއިތުވި ތިން އަހަރު ގިނަގުނަ މަސައްކަތްތަކެއްކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް، ވަރަށް ވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އިންޓެލިޖެންސްއަށް ބިނާކޮށް، 300 އަށްވުރެ ގިނަ އޮޕަރޭޝަންތައް ހިންގައި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 46 ކެފޭއެއް ބަންދުކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރު މަސްތުވާތަކެތީގެ 5052 މައްސަލައެއް ފުލުހުންނަށް ހުށަހެޅި، 4629 މައްސަލަ ނުވަތަ 92 އިންސައްތަ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލަައިގެންފައިވާކަމަށާއި ފާއިތުވި 10 އަހަރު ނައްތާނުލެވި 1.8 ޓަނުގެ މަސްތުވާތަކެތި ފާއިތުވި ތިން އަހަރު ތެރޭގައި ނައްތާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި ބަނގުރަލާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ތެރެއިން 277 އޮޕަރޭޝަނެއް ހިންގައި، އެ އޮޕަރޭޝަންތަކުން 11441 ބަނގުރާ ފުޅި އަދި ދަޅު އަތުލާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެއާއެކު ހޭލުންތެރިކަން އިތުރުވި މިންވަރަކުން ރިޕޯރޓްކުރާ ފަރާތްތައްގިނަވެ އޭގެ ޒާތުން ހެޔޮބަދަލެއް އައިސް އާންމު ކުށުގެ މައްސަލަތަކާއެކު 41243 މައްސަލައެއް ފާއިތުވެދިޔަ ތިން އަހަރު ފުލުހުންނަށް ހުށަހާފައިވާކަމަށާއި އޭގެތެރެއިން 27137 މަސައްލައިގެ ތަހުގީގު ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، އެ މުއްދަތުގައި ރޭޕްކުރުމުގެ މައްސަލަތަކުގެ ތެރެއިން 69 މައްސަލައިގެ ތަހުގީގު ނިމިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތުގައި ޓެރެރިޒަމާއި ގުޅުންހުރި 75 އިންސައްތަ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަ ފުޅުގައި ޒަމާނީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުންގެ އިތުބާރު ލިބިގެން ފޯރުކޮށްދެވޭ ޚިދުމަތެއްކަމާއި 2020 ޑިސެންބަރު 27 ވަނަ ދުވަހު ތަސްދީޤް ކުރެވި، 2021 މާރިޗު 29 ގައި ޢަމަލުކުރެވެން ފެށިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު، ފުލުހުންގެ މަސައްކަތް މިވަނީ، ދިމިގުރާތީ ހަމަތަކާއި އަރާ އެއްހަމަކޮށްފައިކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ބަދަލުވުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރެވި، މިއަދު ފުލުހުންގެ ޚިދުމަތް ދެމުން މިދަނީ، ޤާނޫނުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ޕޮލިސް ބޯޑުގެ އިތުރުން މިނިވަން މުއައްސަސާތަަކަށް ޖަވާބުދާރީވެ، ފަަރުދުންގެ ހައްގުތަކާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމްތަކާއެކުއެވެ.

ހަމައެއާއެކު ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ބަދަލުކުރުމުގައި ޓެކްނޮލޮޖީގެ އަލީގައި ފުލުހުންގެ މަސައްކަތްތައް ތަރައްޤީކުރުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވިއެވެ. އެގޮތުން ބޮޑީ ވޯން ކެމެރާ ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާކަމަށާއި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން، ފުލުހުންނާއި ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ލިބުން އިތުރުވެގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް މަދުވެ، އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ކުރެވޭ ހާލަތުގައި އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގައި އެހީތެރިވެދޭނެކަމަށާއި މިއަދު ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަދި ރައްޔިތުންގެ މަންދޫބުންނަށް ޖަވާބުދާރީ ވާގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.