ރަޝިޔާއިން ހުށަހަޅާ މައިގަނޑު ޑިމާންޑްތަކަށް ތުރުކީގައި ބޭއްވި މަޝްވަރާތަކުގައި ޔޫކްރެއިނުން އެއްބަސް ވެއްޖެކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.
ރަޝިޔާގެ ފަރާތުން ތުރުކީ މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގެންނެވި އިސް މަންދޫބު ވްލަޑިިމިރް މެޑިންސްކީ، ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ރަޝިޔާއިން ހުށަހަޅާ މައިގަނޑު ޑިމާންޑްތައް، ޔޫކްރެއިނުން އެއްބަސްވާން ހުށަހަޅާފައިވާ ދެލިކޮޕީގައި ހިމެނޭ ކަމަށެވެ.
ތުރުކީ މަޝްވަރާތަކަށް ޔޫކްރެއިނުން ފުރަތަމަ ފަހަރަށްވަނީ، ލިޔުމުން ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.
އެ ހުށަހެޅުންތަކުގައި، ޔޫކްރެއިން ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމަށާއި، ނިއުކްލިއަރ ހަތިޔާރުގެ ގާބިލްކަން ހޯދުމަށް މަސައްކަތް ނުކުރުމަށާއި، ނޭޓޯގެ މެމްބަރަކަށް ވުމުގެ ޚިޔާލު ދޫކޮށްލުމުގެ ނުކުތާ ހިމެނޭ ކަމަށް ވްލަޑިިމިރް މެޑިންސްކީ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ޔޫކްރެއިންގައި ބޭރު ގައުމުތަކުގެ އަސްކަރީ ބޭސްތައް ނުހެދުމާއި، ޔޫކްރެއިންގެ ސަލާމަތަށް ގެރެންޓީދޭ ގައުމުތަކާ މަޝްވަރާ ކުރުމަށްފަހުގައި މެނުވީ ބޭރު ގައުމުތަކުގެ އަސްކަރިއްޔާއާ ގުޅިގެން ތަމްރީނުތައް ނުބޭއްވުމަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތްވެސް، ވާހަކަތަކުގައި ޔޫކްރެއިނުން ކޮށްފައިވާ ކަމަށް ރަޝިޔާގެ އިސް މަންދޫބު ވްލަޑިިމިރް މެޑިންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ސަލާމަތަށް ގެރެންޓީދޭ ގައުމުތަކުގެ ތެރޭގައި ރަޝިޔާވެސް ހިމަނަންޖެހެއެވެ.
ޔޫކްރެއިނުން ހުށަހަޅާފައިވާ ކަންތައްތަކަށް އަމަލުކުރުމަށް އެގައުމުން އެއްބަސްވާނަމަ ދެފަރާތުގެ ދެމެދުގައި ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް ވްލަޑިިމިރް މެޑިންސްކީ ވިދާޅުވިއެވެ.
ތުރުކީ މަޝްވަރާތަކަށް ޔޫކްރެއިނުން ހުށަހަޅާފައިވާ ކަންތައްތަކާ ގުޅޭގޮތުން އެގައުމުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މަޝްވަރާތަކުގައި ޔޫކްރެއިން ސަރުކާރު ތަމްސީލު ކުރައްވާ އިސް މަންދޫބު އަދި ޔޫކްރެއިން ރައީސްގެ މުޝީރު މިޚައިލޯ ޕޮޑޮލްޔަކް ވިދާޅުވީ، ވާހަކަތައް ވަރަށް އުންމީދީ ކަމަށާއި، އިތުބާރުވެސް ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ، ޔޫކްރެއިން ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމަށްޓަކައި ސަލާމަތީ ގެރެންޓީއެއްގެގޮތުން ހުށަހަޅާފައިވާ ނިޒާމު ދާނީ ރައްޔިތުންގެ ރިފަރެންޑަމަކަށް ކަމަށެވެ.
ނަމަވެސް، އެފަދަ ރިފަރެންޑަމެއް ބާއްވާނީ ރަޝިޔާ ސިފައިން ޔޫކްރެއިންގެ ބިމުން މުޅިން ފައިބައިގެން ދިއުމުން ކަމަށްވެސް ޕޮޑޮލްޔަކް ވިދާޅުވިއެވެ.