ކުރިއަށް އޮތް ރަމަޟާން މަހަށް ގެއާއި ގޯތިތެރެ ޒީނަތްތެރިކުރުމަށް، ޤަވާއިޖދާ ޚިލާފަށް ބައެއް މީހުން ދޮންވެލި ނަގަމުންދާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީޕީއޭއިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނުގައި ވަނީ ޤަވާއިދާއި ޙިލާފަށް ދޮންވެލި ނަގާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ޢާއްމު ފަޅު ރަށްތަކާއި، ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި ދޮންވެލި ފިނޮޅުތައްފަދަ ތަންތަނުން ޤަވާޢިދާ ޚިލާފަށް ގަލާއި ވެލި ނަގަމުންދާކަމުގެ ޝަކުވާ އީޕީއޭއަށް ލިބޭ މިންވަރުވަނީ އިތުވެފައިކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ޚާއްސަކޮށް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ޤަވާއިދާ ޚިލާފަށް ގަލާއި ވެއްޔާއި އަކިރި ނެގުން އިތުރުވާކަން ފާހަގަވާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

އެކި ބޭނުންތަކަށް ދޮންވެއްޔާއި ގަލާއި އަކިރި ނެގޭނެ އުސޫލުތަކެއް ޤާނޫނީގޮތުން ކަނޑައެޅިފައިވާކަމަށާ، އެ އުސޫލާ ޚިލާފަށް އެފަދަ ކަންކަން ނުކުރުމަށް އީޕީއޭއިން އިލްތިމާސްކުރެއެވެ.

އެއްވެސް އުސޫލެއްނެތި ހިތުހުރިހާގޮތަކަށް ރަށްރަށުގެ ގޮނޑުދޮށްތަކާއި ފިނޮޅުތަކުން ފެލި ނެގުމުން ރާއްޖޭގެ ތިމާވެއްޓަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ވަމުންދާކަން އީޕީއޭއިން ފާހަގަކުރައްވައެވެ.