ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހާރިޖީ ސިޔާސަތުގެ ދަށުން ބިނާކުރެވުނު، ކިންގް ސަލްމާން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2019 ވަނަ އަހަރު ބިނާކޮށް ނިމުނު ކިންގް ސަލްމާން މިސްކިތްވަނީ މިސްކިތް ހުޅުވުމަށް ބޭނުންވާ ވަސީލަތްތަށް ލިބުމުގައި ދިމާވި ދަތިތަކަކާއި ގުޅިގެން އަދިވެސް ރަސްމީކޮށް ހުޅުވާލެވިފައެވެ. ނަމަވެސް މިއަދު ހުކުރު ނަމާދުން ފަށައިގެން އާންމުންނަށް ވަނީ މިސްކިތުގައި ނަމާދުކުރުމުގެ ފުރުސަތު ހުޅުޥާލާފައެވެ. އަދި ވަކި ތާރީހެއް ކަނޑައެޅިފައި ނުވީ ނަމަވެސް އަވަސް މުދަތެއްގެ ތެރޭގައި ސައުދީގެ ވަފްތެއް އައިސް ކިންގް ސަލްމާ މިސްކިތް ރަސްމީކޮށް ހުޅުވާނެކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

ސަލްމާން މިސްކިތް އެޅުމަށް ޚަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރުކަމުގައި ވާއިރު، މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުންކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މި މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައޮވެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

މިސްކިތް ބިނާކުރެވިފައިވަނީ ޖުމްލަ 10،000 މީހުންނަށް ނަމާދު ކުރެވޭނެގޮތަށްވާއިރު މިސްކިތުގައި ދީނީ ޢިލްމް އުނގަންނައި ދިނުމަށްޓަކައި އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވަނީ ގާއިމްކުރެވިފައެވެ. މަލްޓި ޕާރޕަސް ހޯލެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް ހިމެނޭ މި މިސްކިތުގައި ސެމިނަރ ރޫމްތަކާއި ކުލާސް ރޫމްތައްވެސް ވަނީ ގާއިމްކުރެވިފައެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ މާލޭގެ މަލަމަތިން އިސްލާމީ ރަމްޒް ދައްކުވައިދޭ މި ބިނާގައި ކީރިތި ޤުރުއާން އުނގަންނައި ދިނުމަށާ އިސްލާމީ އިލްމް ފެތުރުމަށް މިތަނުގެ ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ބޭނުން ކުރެވޭނެ އިންތިޒާމް ވީހާވެސް އަވަހަކަނަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފައެވެ.