ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.

ރަމަޟާން މަހުގެ ހަނދު ބެލުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު މާދަމާ އަކީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށާއި އިސްލާމީ ބައެއް ގައުމުތަކަށް ވެސް މިރޭގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއިން ހަނދުފެނިފައިވަނީ އައްޑޫ ސިޓީއަށެވެ.

"މި ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދައިގެ ފަރުޟު އަދާކުޅައުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ،" ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރ ވިދާޅުވިއެވެ.