މީހުން ދިރިއުޅޭ ރަށްރަށުގެ 94 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މީހުން ދިރިއުޅޭ 23 ރަށެއްގެ 94 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި ވަގުތު ގެސްޓްހައުސް ސިނާއަތުގައި ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1986 އެކެވެ. އަދި މިއީ މުޅި ޖުމްލަ 993 ކޮޓަރިއެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވާ ރަށްރަށް:

ކ. ހުރާ

ކ. މާފުށި

ކ. ގުރައިދޫ

ކ. ހިންމަފުށި

ކ. ގުޅި

ކ. ތުލުސްދޫ

ކ. ގާފަރު

ބ. ކަމަދޫ

އއ. މަތިވެރި

އއ. އުކުޅަސް

އއ. ތޮއްޑޫ

އއ. ރަސްދޫ

އދ. ދިގުރަށް

އދ. އޮމަދޫ

ވ. ފުލިދޫ

ވ. ތިނަދޫ

ވ. ކެޔޮދޫ

ބ. ދަރަވަންދޫ

ބ. ކިނޮޅަސް

ނ. ފޮއްދޫ

ޏ. ފުވައްމުލައް

އައްޑޫ ސިޓީ، ފޭދޫ

އައްޑޫ ސިޓީ، މަރަދޫ ފޭދޫ

ޓޫރިޒަމް މިނިސްޓްރީން ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ހުއްދަދޭއިރު ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި ކައުންސިލުގެ އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ގެސްޓްހައުސް ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.