ރާއްޖޭގެ ހަތް ރަށެއްގައި ހަދަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލްތަކުގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ތިރީސް އެނދުގެ ހޮސްޕިޓަލްތައް ހަދަން ބީލަމަށް ހުޅުވާލި ރަށްތަކަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުއްޓެވެ.

މި ރަށްތަކުގެ ހޮސްޕިޓަލްތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 35،000 ޑޮލަރު (540,925ރ.) ހުށަހަޅަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝައުގުވެރިވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަަތު މި އަހަރުގެ ޖޫން މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ރަޖިސްޓްރޭޝަން ފީއެެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ޖޫން މަހުގެ 6 އާ ހަމައަށެވެ.