ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ޓްރޭޑް ޓެސްޓިންގް ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެމްއޯޔޫއެއްގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް އާއި ދެމެދު މިއަދު ވަނީ ސޮއި ކޮށްފައެވެ.

ފެނަކަ ކުންފުނީގެ މައި އޮފީހުގައި ބޭއްވުނު މިހަފްލާގައި، ޓްރޭޑް ޓެސްޓިންގ ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ގެ އަމަލީ މަސައްކަތް ފެނަކަ އިންސްޓިޓިއުޓް އިން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަޙްމަދު ނަޝީދު ވިދާޅުވިއެވެ.

ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ޤާއިމް ކޮށްފައެވެ. ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ޤައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ޤައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ. މިގޮތުން ދެވޭ ޤައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.

ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، ވިލާ ކޮލެޖް އަދި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވަނީ ޓްރޭޑް ޓެސްޓް ސެންޓަރުތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.