ހަތް ރަށެއްގައި ހޮސްޕިޓަލް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލްތަކެލެވެ.

މި ހޮސްޕިޓަލްތައް ޢިމާރާތްކުރަން ކަނޑައަޅާފައިވަނީ ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ، ތ.ވިލުފުށި މިރަށްރަށުގައެވެ. މިއީ ބައިނަލްއަޤުވާމީ އުސޫލުތަކާއެއްގޮތަށް ކުރިއަށްގެންދާ ބީލަމެއްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.