ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކައުންސިލްތަކާއި މިނިސްޓްރީ އާއި ފަސޭހައިން ގުޅޭނެ އިންތިޒާމެއް ކަމަށެވެ.
މި އިންތިޒާމްގެ ދަށުން މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއިބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢޫލޫމާތު ކައުންސިލްތަކުން ހޯދުމަށްޓަކައި ހާއްސަ ނަމްބަރުތަކަށް ގުޅޭނެ ގޮތް ވަނީ ހަދާފަ އެވެ.
މި ޚާއްސަ ޚިދުމަތުގެ ދަށުން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިންތިޚާބު ވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް ހޮވިފައިވާ ކަބަލުންގެ އިތުރުން ކައުންސިލްތަކުގެ ޒިންމާދާރު ވެރިންގެ މޮބައިލްފޯނުން ގުޅުމުން ބޭނުންވާ މައުލޫމަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޯލަށް ވަގުތުން ޖަވާބު ނުދެވޭ ޙާލަތެއްގައި، އެދުވަހަކު އެ ނަންބަރުތަކަށް ގުޅި ހުރިހާ ފަރާތްތަކަށް ދުވަސް ނިމުމުގެ ކުރިން ކޯލް ސެންޓަރުން އަނބުރާ ކޯލް ރިޓާންކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.