އޮޅުވާލައިގެން މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނީ ޤާނޫނީ އަސާސްތަކާ ޚިލާފަށް ކަމަށް ވިދާޅުވެ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓާރ ޖެނެރަލް ނިންމަވައިފިއެވެ.

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓްގައި އިސްތިއުނާފުކުރުމުން އިއްޔެ ބޭއްވި މިމައްސަލައިގެ އަޑު އެހުމުގައި ހައިކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައެވެ. އެގޮތަށް ނިންމީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން އިސްތިއުނާފަށް ހުށަހެޅުމުންކަމަށް އެކޯޓުން ވިދާޅުވެއެވެ.

އެހެންނަމަވެސް މިކަމާމެދު ޕީޖީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޕީޖީ ވިދާޅުވެފައިވަނީ އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ހައިކޯޓުން ވިދާޅުވާ ވާހަކަ ހަމަނުޖެހޭކަމަށެވެ. އަދި އެއީ މިހާތަށް މުއްދަތު ގުނުމުގައި ޢަމަލުކޮށްފައިވާ ގޮތާވެސް ޚިލާފު ގޮތެއްކަމަށް ޕީޖީ ވިދާޅުވެ. އެހެންކަމުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވަން ނިންމެވިކަން ޕީޖީ ވަނީ ހާމަކުރައްވާފައެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ވަނީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އަދި އޭނާ ސްރީ ލަންކާގައި އުޅެނިކޮށް 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ.

ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ގެނެސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެން ނެވެ.

އައްމަޓީގެ މައްޗަށް އައްމަޓީގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާވަނީ އުފުލާފަ އެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.