ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވިއިރު ހުށަހެޅުއްވި އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ސަރުކާރަށް ގޮވާލައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ތިޔާގިވުމާއެކު މަސްވެރިން ބާނާ މަސް ނުކިރި، ސަރުކާރުން މަސް ގަތުން ކޮންޓްރޯލް ކުރުމާއި ގުޅިގެން އެކަމާ ނުހުރުން ފާޅުކުރެއްވުމުގެގޮތުންނެވެ. މިމައްސަލާގައި މަސްވެރިންގެ ޝަކުވާ އިންތިހާއަށް ލިބޭކަމަށް ވިދާޅުވެ ނަޝީދުވަނީ ސަރުކާރުން މިކަމަށް އިޖާބަދޭ މިންވަރު ކުޑަކަން މަސްވެރިން ފާހަގަކުރާކަމަށެވެ.

ކޮންމެފަހަރަކުވެސް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވާ މޫސުމުގައި މަސްވެރިން ބާނާ މަސް ނުކިރުވި ހަދާނެގޮސް ހުސްވެ އެތައް ގެއްލުމެއް މަސްވެރިންނަށް ވާ މައްސަލަ ކުރިމަތިވެއެވެ. މިކަމާ ގުޅިގެން އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރާއި އެނޫންވެސް އެކި އިންތިޚާބުތަކުގައި އެމްޑީޕީން ދައްކާފައިވާ ވާހަކަތަކަށް ނަޝީދުވަނީ އިޝާރާތްކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވާ މިމައްސަލައަށް ހައްލުހޯދައިދޭނަކަމަށް މަޢުދުވެ، މިހާތަނަށް ސަރުކާރަށް އެކަން އެދެވޭގޮތުގައި ކުރެވިފައި ނުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ފޯރިގަދަވެ، ޕާޓީގެތެރޭގައި ވަނީ ދެ "ފެކްޝަނެއް" އުފެދިފައެވެ. ޕާޓީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ތާޢީދުކުރާ މީހުން ތިބީ ނަޝީދުގެ ފަހަތުގައެވެ. ފައްޔާޒު އިސްމާޢީލަށް ތާޢީދުކުރާ މީހުން ސަޕޯޓުކުރަނީ ރައީސް ސޯލިހަށެވެ. މިއާއެކު ފަހަކަށްއައިސް ނަޝީދާއި އެމަނިކުފާނަށް ތާޢީދުކުރާ މީހުންގެ ފާޑުކިއުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.