އިންސާނުންގެ ޞިއްޙަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމަޢު މިއަދު އޮތީ ވަށައިގެން ބެދިފައި ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ރައީސް ވިދާޅުވެފައިިވަނީ ޞިއްޙީ ވަބާތަކާއި، ތިމާވެށީގެ ނުރައްކާތަކާއި، ފުރާނައަށް ނުރައްކާކުރާ، ގައިންގަޔަށް ނާރާ ބަލިތައް، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށްވަނީ ފެތުރިފައި ކަމަށެވެ. މީގެ ތެރެއިންވެސް، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިބިންމަތީގައި އިންސާނީ ދަރިފަސްކޮޅު ދެމިއޮންނާނީ، މި ބިމުގެ ދުޅަހެޔޮކަން ދެމިއޮވެގެންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ޞިއްޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހެއެވެ."

ރައީސް ވިދާޅުވީ މިއީ ރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެއް ކަމަށެވެ. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ ޞިއްޙީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން، އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު) އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަމެވެ. ހަމައެފަދައިން މި ޝިޢާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާ ކަމެވެ."

ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ."