އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަމަޟާންމަހުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ގުރުއަތުގައި ހިމަނާނެކަމަށެވެ. އަދި ގުރުވަތުން ހޮވާނީ މާލެއާއި އަތޮޅުތަކުގެ ނަންބަރުތައް ވަކިންކަމަށާއި މި ގުރުވަތުގައި އަތޮޅުތެރެއާއި މާލެ ވަކިން 1ވަނަ، 2ވަނަ، އަދި 3 ހޮވަން ހަމަޖެހިފައިވާއިރު އަގުބޮޑެތި އިނާމުތަކެއް ލިބިގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މާލެ އާއި އަތޮޅު ވަކިން ގުރުވަތުލާގޮތަށް ނިންމީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުޞަތު ދިނުމަށްޓަކައިކަމަށެވެ.

އިޙްޔާ ފޯރަމްތަކުގައި ކޮންމެ ރެއަކުވެސް ހޮވޭ ފަރާތްތަކަށް އިނާމު ހަވާލުކުރާއިރު އޭގެ ތެރޭގައި ފައިސާގެ އިނާމާއި މިނިސްޓްރީން ދޭ އިނާމުވެސް ހިމެނެއެވެ.