ފަަހަކަށްއައިސް ރާއްޖޭގައި އާދަޔާ ޚިލާފަށް ކެންސަރު ބަލި އިތުރުވަމުންދާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކެންސަރު ބަލި އިތުރުވަމުންއަންނައިރު، އެބަލި މީހުންނަށް ޖެހޭ ސަބަބުތައް ހޯދައި ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން މިހާރު މިކަމަށްޓަކައި ޚާއްސަ ދިރާސާއެއް ރާއްޖޭގައި ފަށާފައިވާކަމަށެވެ.

މިފަދަ ސާވޭއެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޢާއްމުރައްޔިތުން ހޭލުންތެރިކުރުވައި ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް ސަމާލުކަން ދޭ ބަޔަކަށް ޢާއްމު ރައްޔިތުން ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ނުރައްކާތރި ބޮޑެތި ބަލިތައް ރާއްޖޭގައިވަނީ ފަހަކަށްއައިސް ވަރަށްބޮޑަށް އިތުރުވެފައެވެ. އޭގެތެރެއިން ކެންސަރަކީ ފާހަގަކޮށްލެވޭ ބައްޔެކެވެ.