އިސްރާއީލާކީ ދައުލަތެއް ކަމަށް ގަބޫލުކޮށް އިސްރާއީލާއެކު ޕާކިސްތާނުން ގުޅުން ގާއިމްކުރަން އެމެރިކާއިން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޚާއްސަކޮށް، އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ގުޅުންތައް ގާއިމްކުރި ދަނޑިވަޅުގައި އެ ފިއްތުންތައް ވަރަށް ބޮޑުވެގެންދިޔަ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

އެހެން ނަމަވެސް، މެދުއިރުމަތީގެ މައްސަލާގައި ފަލަސްތީނު ރައްޔިތުން ހިތްހަމަޖެހޭ އަދުލުވެރި ނިންމުމެއް ނިންމުމުން ނޫނީ، ޕާކިސްތާނުން އިސްރާއީލު ގަބޫލު ނުރާނޭ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، މެދުއިރުމަތީގެ މައްސަލަތަކަށް ޚާއްސަކޮށް ހަބަރުތައް ގެނެސްދޭ "މިޑްލްއީސްޓަން އައި" އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އިސްރާއީލާ ގުޅުން އުފެއްދުމަށް ކުރިމަތިވަމުން އައި ފިއްތުންތައް އިހުނަށްވުރެ ބޮޑުވެގެން ދިޔަ ކަމަށެވެ.

އިސްރާއީލާ ގުޅުން އުފައްދަން އިސްލާމީ އެއްވެސް ގައުމަކުން ފިއްތުންތައް ކުރިމަތި ކުރޭތޯ ސުވާލު ކުރުމުން އިމްރާން ޚާން ވިދާޅުވީ "ނުބުނެވޭނެ ވާހަކަތައްވެސް ހުންނާނެ" ކަމަށެވެ. ސަބަބަކީ، އެފަދަ ގައުމުތަކާ ޕާކިސްތާނާ އޮންނަ ގާތް ގުޅުންތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕް ކުރެއްވި މަސައްކަތުން، ޔޫއޭއީ، ބަހްރެއިން އަދި ސޫދާނުން މިހާރުވަނީ އިސްރާއީލާ އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމައި، ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕްގެ ސަރުކާރުން ގެންދަނީ އިސްރާއީލާ ގުޅުން އުފައްދަން ސައުދީ އަރަބިއްޔާއަށްވެސް މަޖުބޫރު ކުރަމުންނެވެ. ގަލްފް އަދި އަރަބި ބައެއް ގައުމުތަކުން އެކަންކުރި ނަމަވެސް ސައުދީ އަރަބިއްޔާއިންވަނީ އިސްރާއީލާ ގުޅުން އުފައްދަން ފަސްޖެހިފައެވެ.

ސައުދީ އަރަބިއްޔާއިން ދާދިފަހުން ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން އުފައްދާނީ ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ހޯދުނު ދުވަހަކުން ކަމަށެވެ.