ޒަމާނާ ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ރަމަޟާންމަހަކީ އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއްކަމަށް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ. ސަޢުދުﷲ މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ”ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން ” މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް ބައްލަވާލައްވަމުން ޑރ. ސަޢުދުއްﷲ ވިދާޅުވީ ޝިޢާރުތަކަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން ފާޅުވެ އެނގެން ހުންނަ ދީނުގައި ޝަރުޢުކުރެވިފައި ހުންނަ ކަންތައް އަދި އެކަންތަކާމެދު މުޢާމަލާތުކުރުމަށް އިންސާނުންނަށް އަންގަވާފައިވާ ކަންތައްކަމަށެވެ. މިގޮތުން ޝިޢާރުތަކަށް ބަލާއިރު ޒަމާނާއި ތަންތަނާއި ގުޅިފައިވާ ޝިޢާރުތައްވެސް ހުންނަކަމަށާއި އެގޮތުން ޒަމާނާ ގުޅިފައިވާ ޝިއާރުތަކުގެ ތެރެއިން ރަމަޟާންމަހަކީވެސް އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ތަރާވީޙް ނަމާދާއި އެހެނިހެން ނަމާދުތަކަކީ ރަމަޟާންމަހުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއްކަމަށް ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ހެޔޮކަމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ސަޢުދުﷲ ވިދާޅުވީ މާތް ﷲގެ ރަޙުމަތާއި ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދިޔުމާއި ނަރަކައިގެ ދޮރުތައް ބަންދުވުމާއި ޝައިޠާނުންނަށް އިންސާނާ ހެއްލެނި ކުރުވަން އޮންނަ ފުރުސަތުތައް ބަންދު ކުރެވިގެންދާކަމަށާއި މިއީ ރަމަޟާންމަހުގައި ހުރި ޚާއްސަ ކަންތައްތަކުން ފާހަގަކޮށްލެވޭކަންތައްތައްކަމަށެވެ.

ދުވަސްތަކާ ގުޅިފައިހުރި ޝިޢާރެއްގެ ގޮތުގައި ބެލެވެނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށާއި އެއީ މާތް ﷲ އެ ދުވަސްތައް ގަންދެއްވައި ވަޙީކުރައްވާފައިވާ ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޒަމާނާ ގުޅިފައިވާ ޝިޢާރުގެ ގޮތުގައި ޢަރަފާތު ދުވަސް ހިމެނޭކަމަށާއި މިއީ ޙައްޖުގެ އަޅުކަމާއި ގުޅުންހުރި ޝަޢީރާތަކުގެ ތެރެއިން އެއް ޝިޢާރުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނާ ގުޅިފައިވާ ހުކުރު ދުވަހަކީވެސް ވަރަށް މުހިންމު ޝިޢާރެއްކަމަށް ވިދާޅުވެ އެ ދުވަހަކީ، އިރު އެދުވަހެއްގައި އަރާ އެންމެ ހެޔޮދުވަހުގެ ގޮތުގައިވާ ދުވަސްކަމަށް ރަސޫލާ ބަޔާންކުރައްވާއިވާކަމަށް ވިދާޅުވިއެވެ. އާދަމްގެފާނު ހެއްދެވިގެންވަނީ އެދުވަހުކަމަށާއި ސުވަރުގެއަށް ވެއްދުންވަނީ އެދުވަހު، އަދި ޤިޔާމަތްވުންވެސް ވަނީ އެދުވަހުކަމަށް ވިދާޅުވިއެވެ.

ޒަމާނާ ގުޅިފައިވާ އަނެއް މުހިންމު ޝިޢާރަކީ ފިޠުރު ޢީދާއި އަޟްޙާ އީދުދުވަސްކަމަށް ވިދާޅުވެ، އެއީ ގިނަ އަޅުކަންތައްތަކާއިއެކު ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އުފާފާޅުކުރަމުންދާ ދެދުވަސްކަމަށްވެސް ވިދާޅުވިއެވެ. ހަމައެފަދައިން ޙުރުމަތްތެރިވެގެންވާ 4 މައްސަރަކީވެސް ޒަމާނާގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ޝިއާރެއްކަމަށް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ.

ތަނާ ގުޅިގައިވާ ބައެއް ޝިޢާރުތަކަށް ބައްލަވާލައްވަމުން ޑރ. ސަޢުދުއްﷲ ވިދާޅުވީ މި ޝިޢާރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުހިންމު ޝިޢާރުތަކުގެ ގޮތުގައި ﷲ ގެ ގެކޮޅުތަކުގެ ތެރެއިން އަލް މަސްދިޖުލް ޙަރާމާއި އަލްމަސްޖިދުލް އަޤްޞާއާއި އަލްމަސްޖިދުލް ނަބަވީ ހިމެނިގެން ދަނީ ވަރަށް މުހިންމު ޝިޢާރުތަކުގެ ގޮތުގައިކަމަށެވެ. އެތަންތަނަށް މީހާ ދަތުރު ހަދައިގެން ދިއުމަށް މާތް ނަބިއްޔާ ހިތްވަރު ދެއްވާފައިވާކަމަށާއި އެތަންތަނުގައި ކުރާ އަޅުކަންތައް އެހެން ތަންތަނުގައި ކުރާ އަޅުކަންތައްކަށްވުރެ ޚާއްސަކޮށް ނަމާދުގެ ސަވާބު އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ. އަދި ހެޔޮކަންތައްތަކަށް ސަވާބު ލިބޭފަދައިން އެތަންތަނުގައި ކުރާ ނުބައިކަންތައްތަކަށް ލިބޭ އުޤޫބާތްވެސް ބޮޑުވެގެން ވާކަމަށް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

މުޅި މައްކާ އެއްކޮށްވެސް ވެގެންދަނީ އިސްލާމީ މުހިންމު ޝިޢާރެއްގެ ގޮތުގައިކަމަށް ވިދާޅުވެ އެއީ އެންމެ ފުރަތަމަ މީސްތަކުންނަށްޓަކައި ބިނާކުރެވުނު ގެ ބިނާކުރެވުނު ބިމަށްވާތީކަމަށް ވިދާޅުވިއެވެ.

ތަންތަނާއި ގުޅުންހުރި ޝިޢާރުތަކުގެ އިތުރަށް އިސްލާމްދީނުގެ ކަންތައްތަކުގެ ތެރެއިން ފެންނަ އަނެއް ޝިޢާރަކީ ކީރިތި ޤުރުއާންކަމަށް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއްކަމުގައިއާއި ޝިފާއެއްކަމުގައިއާއި އަދި ރަޙްމަތެއްކަމުގައިވާ ފޮތެއްކަމަށާއި އަދި އެފޮތަށް ތަބާވުމަށް ވަރަށް ވަރުގަދައަށް އަމުރުކުރެވިފައިވާ ފޮތެއްކަމަށްވެސް ވިދާޅުވިއެވެ.

ޤުރުއާނެކޭ އެއްފަދައިން އަނެއް މުހިންމު ޝިޢާރަކީ އިސްލާމްދީނުގެ އަޅުކަންތައްކަމަށް ވިދާޅުވެ އޭގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި އެގޮތުން ނަމާދު ޤާއިމްކުރުމަކީ ފަރުޟަކަށްވާއިރު ނަމާދަށް ފަރުވާތެރިނުވާމީހުންނަށް ހުރި އުގޫބާތްތައްވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.

ނަމާދެކޭ އެއްފަދައިން ޒަކާތަކީވެސް ވަރަށް މުހިންމު ޝިޢާރެއްކަމަށާއި މިޝިޢާރު ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށްވެސް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ.

ދީނީ ޝިޢާރުގެ ގޮތުގައި ފާހަގަކުރެވޭ އެންމެ ގިނަ ކަންތައް ހިމެނެނީ ޙައްޖުގެ އަޅުކަމާ ގުޅިގެންކަމަށް ވިދާޅުވެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މިކަންކަމަކީވެސް އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

އެކަންކަމެއް ކުރަން މާތް ﷲ އަމުރުކުރައްވާފައިވާކަންކަމަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ކަންކަމަށްވެސް ވިދާޅުވިއެވެ.

ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން މި މަޢުޟޫއަށް، މި ފޯރަމްގައި ދެން ވާހަކަފުޅު ދެއްކެވީ އައްޝައިޚް ޢަބްދުލް ޢަޒީޒު ހުސައިންނެވެ. ޝައިޚްގެ ވާހަކަފުޅުގައި ބޮޑަށް ބައްލަވާލެއްވީ ޑރ. ސަޢުދުﷲ ޢަލީ ފާހަގަކުރެއްވި ޝިޢާރުތަކަށް މުޖުތަމަޢުގައި ޢަމަލުކުރެވޭ ގޮތާއި، ކުރެވޭ ބިދުޢަވެރިކަންތައްތަކާއި އެކަންކަމުގެ ހުރި ނުބައިކަމުގެ މައްޗަށެވެ. އަދި އެފަދަ ކަންކަން ރަނގަޅުކޮށް މާތް ނަބިއްޔާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ހެޔޮކަމެއް ހެޔޮކަމަކަށްވާނީ މާތް ނަބިއްޔާގެ ސުންނަތުގައި އެކަމެއް ކުރުމަށް އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރުމުންކަމަށްވެސް އައްޝައިޚް ޢަބްދުލް ޢަޒީޒު ހުސައިން ވިދާޅުވިއެވެ.

އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅުތަކުގައި ކުރިއަށް ގެންދާ އިޙްޔާގެ ފުރަތަމަ ޕްރޮގްރާމް މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު

15 އޭޕްރިލްގައި އައްޑޫ ސިޓީގައި މި ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.